އަބޫ ހުރައިރާ އަލް-ދައުސީ އަލް-ޒަހްރާނީގެ މަޤްބަރާ
އަބޫ ހުރައިރާ އަލް-ދައުސީ އަލް-ޒަހްރާނީގެ މަޤްބަރާ
އަބޫ ހުރައިރާ އަލް-ދައުސީ އަލް-ޒަހްރާނީ (ރަޟިޔަﷲ އަންހު) އަކީ ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ އަޞްޙާބު ބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ، އެންމެ ގިނަ ޙަދީޘް ރިވާކުރެއްވި ބޭކަލެވެ. އެކަލޭގެފާނު 5،000 އަށްވުރެ ގިނަ ޙަދީޘް (ގާތްގަނޑަކަށް 5،374 ޙަދީޘް) ރިވާކުރައްވާފައިވެއެވެ.

އަބޫ ހުރައިރާ (ރަޟިޔަﷲ އަންހު) އަކީ ޔަމަނަށް ނިސްބަތްވާ އާދައިގެ ދިރިއުޅުމެއް އުޅުއްވި ބޭކަލެއް ނަމަވެސް، އެކަލޭގެފާނުގެ މިންނެތް މަސައްކަތްޕުޅުން އިސްލާމީ ތާރީޚުގެ އެންމެ މަތީ މަޤާމުތަކުގެ ތެރެއިން މަޤާމެއް ހޯއްދެވިއެވެ. އެކަލޭގެފާނަށް މަޝްހޫރުވެފައިވާ "އަބޫ ހުރައިރާ" ގެ މާނައަކީ "ބުޅަލުގެ ބައްޕަ" އެވެ. އެކަލޭގެފާނު ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ އަރިހުގައި ހަތަރު އަހަރު (ބައެއް ރިވާޔަތްތަކުގައި ދެ އަހަރު) ހޭދަކުރަށްވައި، އެކަލޭގެފާނާއެކު އެކި ދަތުރުފުޅުތަކާއި ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގަތެވެ.

އަބޫ ހުރައިރާ (ރަޟިޔަﷲ އަންހު) ގެ ބައްޕަ ނިޔާވީ އެކަލޭގެފާނު ކުޑަކުއްޖެއްގެ ގޮތުގައި ހުންނަވަނިކޮށެވެ. ބައެއް މަޞްދަރުތަކުން ބުނާގޮތުގައި އުފަންވީއިރު އެކަލޭގެފާނުގެ ނަމަކީ ޢަބްދުއްޝަމްސެވެ. އަބޫ ހުރައިރާ އިސްލާމްވެ ވަޑައިގަތީ ބަނޫ ދައުސް ގަބީލާގެ ވެރިޔާ އައްޠުފައިލް ބިން ޢަމްރު (ރަޟިޔަﷲ އަންހު) ގެ އަތްޕުޅުމައްޗަށެވެ. ބަނޫ ދައުސް ގަބީލާގެ މީހުން ދިރިއުޅެމުން ދިޔައީ ޢަރަބިކަރައިގެ ދެކުނުގައި، ރަތްކަނޑުގެ އައްސޭރިފަށުގައި އޮންނަ ތިހާމާ ސަރަޙައްދުގައެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އާ ބައްދަލުކުރައްވައި، ރަސޫލުކަމުގެ ކުރީކޮޅުގައި އައްޠުފައިލް (ރަޟިޔަﷲ އަންހު) އިސްލާމްވެވަޑައިގެން އެނބުރި ރަށަށް ވަޑައިގަތުމުން، އެކަލޭގެފާނުގެ ދަޢުވަތަށް އެންމެ ފުރަތަމަ އިޖާބަދެއްވި ބޭކަލުންގެ ތެރޭގައި އަބޫ ހުރައިރާ ހިމެނިވަޑައިގަތެވެ. އެކަލޭގެފާނު ވެވަޑައިގަތީ އެ ގަބީލާގެ ގިނަ މީހުން ދުވަސްތަކެއް ވަންދެން ބޯހަރުކަމާއެކު ދައުވަތަށް ފުރަގަސްދެމުން ދިޔައިރު، ހިދާޔަތް ލިބިވަޑައިގަތް ބޭކަލަކަށެވެ.

އައްޠުފައިލް (ރަޟިޔަﷲ އަންހު) ދެވަނަ ފަހަރަށް މައްކާއަށް ކުރެއްވި ދަތުރުފުޅުގައި އަބޫ ހުރައިރާ (ރަޟިޔަﷲ އަންހު) ބައިވެރިވެވަޑައިގަތެވެ. އެ ދަތުރުފުޅުގައި ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އާ ބައްދަލުކުރެއްވުމުގެ މަތިވެރި ޝަރަފު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ސުވާލުކުރެއްވިއެވެ: "ކަލޭގެފާނުގެ ނަމަކީ ކޮބައިތޯ؟" އެކަލޭގެފާނު ޖަވާބުދެއްވިއެވެ: "ޢަބްދުއްޝަމްސް (އިރުގެ އަޅާ) އެވެ." އެހިނދު ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ: "ނޫނެކެވެ، ކަލޭގެފާނުގެ ނަމަކީ ޢަބްދުއްރަޙްމާން (ރަޙްމާންވަންތަ ރަސްކަލާނގެ އަޅާ) އެވެ."

އެކަލޭގެފާނު ދެންނެވިއެވެ: "އާދެ، އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުގެ ނަމަކީ ޢަބްދުއްރަޙްމާނެވެ." ނަމަވެސް، އެކަލޭގެފާނަށް މަޝްހޫރުވެފައިވަނީ "އަބޫ ހުރައިރާ" ގެ ނަމުންނެވެ. އެއީ ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ފަދައިން، އެކަލޭގެފާނަކީ ވެސް ބުޅަލަށް ލޯބިކުރެއްވި ބޭކަލަކަށް ވާތީއާއި، ކުޑައިރުއްސުރެ ކުޅެން ބުޅަލެއް ގެންގުޅުއްވާތީއެވެ.

އަބޫ ހުރައިރާ (ރަޟިޔަﷲ އަންހު) ތިހާމާގައި އެތައް އަހަރެއް ހޭދަކުރެއްވުމަށްފަހު، މަދީނާއަށް ހިޖުރަކުރެއްވީ ހިޖުރައިން ހަތްވަނަ އަހަރުގެ ކުރީކޮޅު، އެކަލޭގެފާނުގެ ގަބީލާގެ ބަޔަކާއެކުގައެވެ. އެވަގުތު ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޚައިބަރު ހަނގުރާމައަށް ވަޑައިގެން އުޅުއްވުމުން، ތަނަވަސްކަމެއް ނެތް އަބޫ ހުރައިރާ (ރަޟިޔަﷲ އަންހު) މަސްޖިދުއްނަބަވީގައި "އަހްލުއްޞުއްފާ" އިންނާއެކު މަޑުކުރެއްވިއެވެ. އެކަލޭގެފާނަކީ އަނބިދަރިއަކު ނެތް ހުސްހަށިބައި ބޭކަލެކެވެ. ނަމަވެސް، އެކަލޭގެފާނުގެ މުޝްރިކު މައިދައިތަ އެކަލޭގެފާނާއެކު ހުއްޓެވެ. މަންމަ އިސްލާމްވުމަށް އެދި އެކަލޭގެފާނު ނުހަނު ދުޢާކުރެއްވި ނަމަވެސް، މަންމަ އެކަމާ ދެކޮޅުހަދަމުން ދިޔައެވެ.

އެއްދުވަހަކު މަންމައަށް އިސްލާމްދީނަށް ދަޢުވަތު ދެއްވުމުން، މަންމަ ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އާ ބެހޭގޮތުން ހިތްދަތި ބަސްތަކެއް ބުންޏެވެ. އެކަމާ ދެރަވެ ކަރުނައަޅަމުން ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ އަރިހަށް ވަޑައިގަތުމުން، ރަސޫލާ ސުވާލުކުރެއްވިއެވެ: "އޭ އަބޫ ހުރައިރާއެވެ! ކަލޭގެފާނު ރޮނީ ކީއްވެގެންތޯ؟" އެކަލޭގެފާނު ދެންނެވިއެވެ: "އަޅުގަނޑު މަންމައަށް އިސްލާމްދީނަށް ދަޢުވަތު ދިނުމުން އަބަދުވެސް އެކަމާ ދެކޮޅުހަދައެވެ. މިއަދުވެސް ދަޢުވަތު ދިނުމުން އަޅުގަނޑު އަޑުއަހަން ބޭނުންނުވާ ފަދަ ބަސްތަކެއް މަންމަ ބުންޏެވެ. އަބޫ ހުރައިރާގެ މަންމަގެ ހިތް އިސްލާމްދީނަށް ލެންބެވުމަށް އެދި ﷲ އަށް ދުޢާކޮށްދެއްވާށެވެ." ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެކަލޭގެފާނުގެ މަންމައަށް ހިދާޔަތް ދެއްވުމަށް އެދި ދުޢާކުރެއްވިއެވެ.

އަބޫ ހުރައިރާ ވިދާޅުވިއެވެ: "އަޅުގަނޑު ގެއަށް ދިޔައިރު ދޮރު ހުރީ ލައްޕާފައެވެ. ފެން އޮހޭ އަޑު އިވުނެވެ. މަންމަގެ ކޮޓަރިއަށް ވަންނަން އުޅުމުން މަންމަ ބުންޏެވެ: 'އަބޫ ހުރައިރާއެވެ! ތިހުރިތަނުގައި މަޑުކުރާށެވެ.' އޭގެފަހުން ހެދުން ބަދަލުކޮށްގެން 'ވަންނާށޭ' ބުންޏެވެ. އަޅުގަނޑު ވަނުމުން މަންމަ ކިއެވެ: 'ﷲ މެނުވީ އެހެން އިލާހަކު ނުވާކަމަށް އަހަރެން ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާ ކަމަށްވެސް ހެކިވަމެވެ.'"

"އުފަލުން ރޮމުން އަޅުގަނޑު އެނބުރި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ އަރިހަށް ދިޔައީމެވެ. އެއީ އޭގެ ގަޑިއެއްހާއިރު ކުރިން ހިތާމައިން ރޮމުން ދިޔަ ފަދައިންނެވެ. އަދި ދެންނެވީމެވެ: 'އޭ ﷲ ގެ ރަސޫލާއެވެ! އުފާވެރި ޚަބަރެއް އެބައޮތެވެ. މާތްﷲ ކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި، އަބޫ ހުރައިރާގެ މަންމައަށް ހިދާޔަތް ދައްކަވައިފިއެވެ.'"

އަބޫ ހުރައިރާ (ރަޟިޔަﷲ އަންހު) ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ދެކެ ނުހަނު ލޯބިފުޅުވެވަޑައިގަތެވެ. އެކަލޭގެފާނުގެ ދޫފުޅުން ނިކުންނަ ބަސްފުޅުތައް އަޑުއެހުމަކީ އެކަލޭގެފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލެވެ. އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ނަސީބަށްޓަކައި ގިނަގިނައިން ޙަމްދުކުރައްވައި ވިދާޅުވެއެވެ: "އަބޫ ހުރައިރާއަށް އިސްލާމްދީނުގެ ހިދާޔަތް ދެއްވި ކަލާނގެއަށް ޙަމްދު ހުއްޓެވެ. އަބޫ ހުރައިރާއަށް ޤުރްއާން އުނގަންނަވައިދެއްވި ކަލާނގެއަށް ޙަމްދު ހުއްޓެވެ. އަދި މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ އެކުވެރިކަން އަބޫ ހުރައިރާއަށް މިންވަރުކުރެއްވި ކަލާނގެއަށް ޙަމްދު ހުއްޓެވެ."

މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، އަބޫ ހުރައިރާ (ރަޟިޔަﷲ އަންހު) ގެ މުޅި އަމާޒަކަށްވީ ޢިލްމު އުނގެނުމެވެ. ޒައިދު ބިން ޘާބިތު (ރަޟިޔަﷲ އަންހު) ރިވާކުރައްވާފައިވެއެވެ: "ތިމަންމެން (އަބޫ ހުރައިރާ އާއި އަހަރެންނާއި އަދި އެހެން އެކުވެރިއަކު) މިސްކިތުގައި ދުޢާކުރުމާއި ޛިކުރުކުރުމުގައި ތިއްބައި، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ވަޑައިގެން ތިމަންމެންގެ އަރިހުގައި އިށީންނެވިއެވެ. ތިމަންމެން ހަނުތިބުމުން ޙަދީޘްކުރެއްވިއެވެ: 'ތިޔަ ކުރަމުންދިޔަ ކަންތަކައިގެން ކުރިއަށްދާށެވެ.'"

"ދެން ތިމަންމެން ދެމީހުން އަބޫ ހުރައިރާގެ ކުރިން ދުޢާކުރީމެވެ. އަދި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ތިމަންމެންގެ ދުޢާއަށް އާމީން ވިދާޅުވިއެވެ. އޭގެފަހުން އަބޫ ހުރައިރާ ދުޢާކުރެއްވިއެވެ: 'އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާނގެ! އަޅުގެ މި ދެ އެކުވެރިން އެދިލެއްވި ކަންތައްތަކަށް އަޅުވެސް އެދެމެވެ. އަދި ދުވަހަކުވެސް ހަނދާން ނުނެތޭނޭ ފަދަ ޢިލްމެއް މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމެވެ.'"

"ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އާމީން ވިދާޅުވިއެވެ. އެހިނދު ތިމަންމެންވެސް އެފަދަ ޢިލްމަކަށް އެދި ދެންނެވުމުން ޙަދީޘްކުރެއްވިއެވެ: 'ދައުސީ ޒުވާނާ (އަބޫ ހުރައިރާ) ތިޔަބައިމީހުންގެ ކުރިން އެކަމަށް އެދިއްޖެއެވެ.'"

އަބޫ ހުރައިރާ (ރަޟިޔަﷲ އަންހު) އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ހަނދާންގަދަވުމުގެ ނިޢުމަތުގެ ބޭނުން ހިއްޕަވައި، ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ އަރިހުގައި ހޭދަކުރެއްވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެކަލޭގެފާނުގެ ދޫފުޅުން ނިކުތް ކޮންމެ ޙިކުމަތްތެރި ބަސްފުޅެއް ދަސްކުރެއްވުމަށް ހުސްވެވަޑައިގަތެވެ. އެކަލޭގެފާނަކީ މުހާޖިރުންނާއި އަންޞާރުން ފަދައިން ވިޔަފާރިއާއި ދަނޑުވެރިކަމުގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންނެވި ބޭކަލެއް ނޫނެވެ. އޭގެ ބަދަލުގައި ހުރިހާ ވަގުތެއް ހުސްކުރެއްވީ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ އަރިހުގައި ހުންނަވައިގެން ޢިލްމު އުނގެނުމަށެވެ.

އެއްފަހަރަކު މަރްވާން ބިން އަލް-ޙަކަމް (ރަޟިޔަﷲ އަންހު) އަބޫ ހުރައިރާގެ ހަނދާންގަދަކަން އިމްތިޙާން ކުރެއްވުމަށް ގަސްތުކުރެއްވިއެވެ. އަބޫ ހުރައިރާއަށް ނޭނގޭނޭހެން ފަރުދާއެއްގެ ފުރަގަހުގައި ލިޔާނެ މީހަކު ބައިންދައި، އަބޫ ހުރައިރާ ވިދާޅުވާ ކޮންމެ ވާހަކައެއް ލިޔުމަށް އެންގެވިއެވެ. އަހަރެއް ފަހުން އަނެއްކާވެސް އެ ޙަދީޘްތައް ކިޔައިދެއްވުމަށް އެދުމުން، ކުރިން ވިދާޅުވި އެންމެ އަކުރަކަށްވެސް ބަދަލެއް ނައިސް ހަމަ އެގޮތަށް ވިދާޅުވިއެވެ.

ޢިލްމު އުނގެނުމުގައި އަބޫ ހުރައިރާ (ރަޟިޔަﷲ އަންހު) ނުހަނު ބޮޑެތި ތަޙައްމަލުތަކެއް ކުރެއްވިއެވެ. ބައެއް ފަހަރު ބަނޑުހައިހޫނުކަން ބޮޑުވުމުން ބަނޑުގައި ހިލަ ބަނދެގެންވެސް އުޅުއްވިއެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ، ބަނޑުހައިހޫނުކަން އިންތިހާއަށް ދިޔުމުން، ބައެއް އަޞްޙާބު ބޭކަލުންނާ ބައްދަލުކޮށް ޤުރްއާނުގެ އާޔަތްތަކާ ބެހޭގޮތުން ސުވާލުކުރައްވަނީ، އެބޭކަލުންނާއެކު ގެއަށް ވަޑައިގެން ކޮންމެވެސް އެއްޗެއް ފަރިއްކުޅުވަން ލިބިވަޑައިގެންފާނެ ކަމުގެ އުންމީދުގައެވެ.

ކުރީކޮޅުގައި މިފަދަ ދަތި ހާލުގައި އުޅުއްވި ނަމަވެސް، ފަހުން އިސްލާމީ ދައުލަތް ފުޅާވެ ތަނަވަސްކަން ލިބުމުން، އެކަލޭގެފާނަށްވެސް މުއްސަނދިކަން ލިބިވަޑައިގަތެވެ. ނަމަވެސް އެކަމުގެ ސަބަބުން އެކަލޭގެފާނުގެ ސާދާ މިޒާޖަކަށް ބަދަލެއް ނާދެއެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި ބަޙްރައިންގެ ގަވަރުނަރުކަންވެސް ކުރެއްވިއެވެ. އެކަލޭގެފާނުގެ އާއިލާއަކީ ރޭގަނޑުގެ ވަގުތުތައް އަޅުކަމުގައި ހޭދަކުރެއްވި އާއިލާއެކެވެ. ރޭގަނޑު ތިންބަޔަށް ބަހާލައިގެން، އެއްބައިގައި އެކަލޭގެފާނު، އަނެއްބައިގައި އަނބިކަނބަލުން އަދި އަނެއްބައިގައި ދަރިކަނބަލުން އަޅުކަމުގައި ހޭދަކުރައްވައެވެ. އެހެންކަމުން އެ ގޭގައި އަޅުކަމެއް ނުކުރެވޭ އެންމެ ހިނދުކޮޅެއްވެސް ރޭގަނޑުގެ ވަގުތުގައި ނުދެއެވެ.

މައިންބަފައިންނަށް ކަމޭހިތުމުގައިވެސް އެކަލޭގެފާނަކީ ނަމޫނާއެކެވެ. ކޮންމެ ދުވަހަކު ގެއިން ނިކުމެވަޑައިގަންނަވާއިރު މަންމައަށް ސަލާމް ކުރައްވައި، ހެޔޮ ދުޢާ ކުރައްވައެވެ. އަބޫ ހުރައިރާ (ރަޟިޔަﷲ އަންހު) އަވަހާރަވީ ހިޖުރައިން 59 ވަނަ އަހަރު، އުމުރުފުޅުން 78 އަހަރުގައެވެ. އެކަލޭގެފާނަކީ ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ސުންނަތް ރައްކާތެރިކޮށް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި އެއް ބޭކަލެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް