މުސްލިމުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަނީ:
މުސްލިމުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަނީ:
ކުރިއަށް އޮތް 2035 ވަނަ އަހަރާ ހަމައަށް ދާއިރު، ނަޞާރާދީން ފަހަތަށް ޖައްސައިލުމަށްފަހު ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް އޮތް ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް، އެމެރިކާގެ މަޝްހޫރު ދިރާސީ މަރުކަޒެއް ކަމަށްވާ ޕިއު ރިސާޗް ސެންޓަރުން ހާމަކޮށްފިއެވެ.

ޕިއު ރިސާޗް ސެންޓަރުގެ ހޯދުންތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2020 އާއި 2070 އާ ދެމެދު އިސްލާމްދީނާއި ނަޞާރާދީނުގެ އާބާދީއަށްވެސް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، އެހެން ހުރިހާ ދީންތަކަށްވުރެ މާ ހަލުވި ދުވެއްޔެއްގައި މުސްލިމް އާބާދީ އިތުރުވަމުންދާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަލްޖަޒީރާގައި ބަޔާންކޮށްފައިވާ ގޮތުން، މި ދިރާސާ އެކުލަވައިލާފައިވަނީ ދުނިޔޭގެ އާބާދީގެ 99.98 އިންސައްތަ ހިމެނޭހެން 201 ޤައުމަކާއި ސަރަޙައްދެއްގެ މަޢުލޫމާތު ދިރާސާކުރުމަށް ފަހުގައެވެ. މި ދިރާސާގައި މައިގަނޑު ހަތް ދީނީ ގްރޫޕެއްގެ މެދުގައި ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި އަންނާނެ އާބާދީގެ ބަދަލުތައް ވަނީ ވަޒަންކޮށްފައެވެ.

އިސްލާމްދީނުގެ އާބާދީ މިހާ ހަލުވިކަމާއެކު އިތުރުވާ މައިގަނޑު ސަބަބަކީ މުސްލިމުންގެ މެދުގައި ދަރިމައިވާ ނިސްބަތް މަތިވުން ކަމަށް ޕިއު އިން ބުނެއެވެ. އެގޮތުން، މުސްލިމް އަންހެނެއްގެ ނިސްބަތުން އެވްރެޖުކޮށް 3.1 ކުދިން އުފަންވާއިރު، ނަޞާރާ އަންހެނުންގެ މި ނިސްބަތަކީ 2.5 އެވެ. މީގެއިތުރުން، އުފަންވާ ނިސްބަތަށް އަންނަ ބަދަލުތަކުގެ ސަބަބުން މުސްލިމް އާބާދީއަށް 1.6 ބިލިއަން މީހުން އިތުރުވާއިރު، ނަޞާރާ އާބާދީއަށް އިތުރުވާނީ 792 މިލިއަން މީހުންނެވެ.

މީގެއިތުރުން، ދީން ބަދަލުކުރުމުގެ ސަބަބުން އަންނަ ބަދަލުތަކަށް ބަލާއިރު، ނަޞާރާދީން ދޫކޮށް ދީންތަކާ ދުރުވާ މީހުންގެ އަދަދު ނިސްބަތުން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އަލްޖަޒީރާގެ ރިޕޯޓުގައި ވެއެވެ. އެގޮތުން ނަޞާރާދީނުން 105 މިލިއަން މީހުން އުނިވާނެ ކަމަށް ލަފާކުރެވޭއިރު، އިސްލާމްދީން ދޫކުރާ މީހުންނާއި އަލަށް ވަންނަ މީހުންގެ ފަރަގަކީ އެންމެ 8 މިލިއަނެވެ.

ޤައުމުތަކުގެ ނިސްބަތަށް ބަލާއިރު، 2070 ވަނަ އަހަރާ ހަމައަށް ދާއިރު މެދުއިރުމައްޗާއި އުތުރު އެފްރިކާގެ އާބާދީގެ 95 އިންސައްތައަކީ މުސްލިމުން ކަމުގައި ވެގެންދާނެއެވެ. އަދި މިހާރު ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮތް އިންޑޮނޭޝިއާ ފަހަތަށް ޖައްސައިލުމަށްފަހު، 461 މިލިއަން މުސްލިމުންނާއެކު ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮތް ޤައުމަކަށް ޕާކިސްތާން ވެގެންދާނެ ކަމަށްވެސް އެ ދިރާސާގައި ވަނީ ލަފާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު