ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން
ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން
ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް އޮންލައިންކޮށް ނުހެދޭ ގޮތަށް ބާ ކައުންސިލުން ގަވާއިދަށް ގެނައި އިސްލާހުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކޮށް، އެ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވަނީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީން ނިންމާފައިވަނީ ބާ ކައުންސިލުން ގެނައި އާ އުސޫލަކީ ހަމައެކަނި އަލަށް ފަށާ ޕްރޮގްރާމްތަކާ ގުޅޭ ދަރިވަރުންގެ މައްޗަށް ތަންފީޒުކުރާ އުސޫލެއްގެ ގޮތުގައި ހެދުމަށެވެ. އަދި ގާނޫނީ ތައުލީމު ފަށައިގެން މިހާރު ކުރިއަށްދާ ޑިގްރީ ޕްރޮގްރާމްތަކުގެ ދަރިވަރުން އެ އިސްލާހުން އިސްތިސްނާކޮށް، ކުރިންވެސް އޮތް ގޮތަށް އޮންލައިންކޮށް އިމްތިހާނުތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ބާ ކައުންސިލަށް އެންގުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ގާނޫނީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން ކަނޑައަޅާފައިވާ 'މިނިމަމް ސްޓޭންޑާޑްސް' އަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ބާ ކައުންސިލުން ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، އަންނަ އަހަރުން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނުތަކެއް ހަދަންޖެހޭނީ، އިމްތިހާނު ހަދާ މަރުކަޒަކަށް ހާޒިރުވެގެން ކަމަށް ވަނީ ލާޒިމުކޮށްފައެވެ.

ނަމަވެސް، މި އިސްލާހާ ގުޅިގެން ކަންބޮޑުވުންތަކެއް ފާޅުވެފައިވަނިކޮށް ބާ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ، އިމްތިހާނު ހަދާ މަރުކަޒަކަށް ހާޒިރުވާން ޖެހުނު ނަމަވެސް، ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް އިދާރާ މެދުވެރިކޮށް އިމްތިހާނު ކުރިއަށް ގެންދިއުމުގެ އިޚުތިޔާރު މަތީ ތައުލީމުދޭ މަރުކަޒުތަކަށް ލިބިގެންވާ ކަމަށެވެ. އަދި މާލެ އަންނަން އުނދަގޫވާ ދަރިވަރުންނަށް އެ ދަރިވަރަކު ދިރިއުޅޭ ރަށެއްގައި ތިބެގެން އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ އިސްލާހު ހުރަސްނާޅާ ކަމަށްވެސް އެ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް، މިހާރު ކޯސް ފަށައިގެން ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއްގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު މި ނިންމި ނިންމުމާއެކު، އެ ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެހެން އޮންލައިންކޮށް އިމްތިހާނު ހެދޭނެ މަގު ފަހިވެގެން ދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު