މީކާއީލް އަޙްމަދު ނަސީމް : ގަލޮޅު ދެކުނު ދާއިރާގެ މެންބަރު
މީކާއީލް އަޙްމަދު ނަސީމް : ގަލޮޅު ދެކުނު ދާއިރާގެ މެންބަރު
ދައުލަތާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ޕާޓީތަކަށް ސޮއިކުރުމަށާއި ސިޔާސީ އެކި ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުން މަނާކުރުމަށްޓަކައި، ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

މެންބަރު މީކާއީލް ވިދާޅުވި ގޮތުގައި މި އިސްލާހު ހުށަހެޅުއްވި މައިގަނޑު ސަބަބަކީ، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން އެންގުމާއި، އެފަދަ ކަންކަމަށް ދެކޮޅުހަދާ މުވައްޒަފުންގެ ވަޒީފާގެ ކުރިއެރުމަށް ހުރަސްއެޅުމުގެ އިތުރުން ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރުދެއްކުން ފަދަ އަމަލުތައް ހިންގަމުންދާތީއެވެ. ސިޔާސީ ޕާޓީއަކަށް ވަނުމާއި، ވަކިވުމާއި އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއްކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ އެއީ އެއްވެސް މަޖުބޫރުކަމެއް ނެތި ކޮންމެ މީހަކުވެސް އަމިއްލަ އިހުތިޔާރުގައި ނިންމަންޖެހޭ ކަމެއް ކަމަށެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނުވަތަ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުކުރުވުމަކީ ޤާނޫނީ ގޮތުން ކުށެއް ކަމުގައި ކަނޑައަޅައި، އެކަމަށް އެކަށީގެންވާ އަދަބެއް ކަނޑައެޅުމެވެ. އެގޮތުން ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި:

ވަކި ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ނުވަތަ ޕާޓީއަކުން ވަކިވުމަށް މުވައްޒަފަކަށް އެންގުން މަނާކުރުން.

ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކުގެ އިތުރުން އެހެނިހެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މުވައްޒަފުންނަށް މަޖުބޫރުކުރުން ހުއްޓުވުން.

މި މާއްދާއާ ޚިލާފުވާ ފަރާތްތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ދައުވާ އުފުލައި، އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުން.

ސަރުކާރު ހިންގާ ޕާޓީތަކަށް މީހުން ވެއްދުމަށްޓަކައި ސަރުކާރު ކުންފުނިތަކުގެ ވަސީލަތްތަކާއި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، ސިޔާސީ ހަރަކާތްތަކަށް މުވައްޒަފުން ނެރުމަކީ ޒަމާނުއްސުރެ ރާއްޖޭގައި އެކި ސަރުކާރުތަކުގައި ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ. މި ބިލަކީ އެފަދަ ނުފޫޒުތަކުން މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބިލު ހުށަހެޅުއްވި މެންބަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް