ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ : ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ : ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ
ޤައުމުގެ އިޤުތިޞާދީ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޚިދުމަތްތަކަކީ ހަލުވި، ލުއިފަސޭހަ އަދި ދެފުށް ފެންނަ ނިޒާމަކަށް ވާންޖެހޭ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް (ސީޖީސީ) ފާޠިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ވިދާޅުވީ، 1890 ވަނަ އަހަރު މި ޚިދުމަތް ރާއްޖޭގައި ފެށުނު ފަހުން، ޒަމާނަށް އައި ބަދަލުތަކާއެކު ބޯޑަރު ބެލެހެއްޓުމާއި ވިޔަފާރީގެ މުއާމަލާތްތައް ފަހިކޮށްދިނުމުގެ ދައުރު މިއަދު ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށެވެ. އެގޮތުން، ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމަކަށް ވުމުން، ކަސްޓަމްސްގެ ޚިދުމަތްތައް ގުޅިފައިވަނީ ދިވެހި ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާއި، ޤައުމުގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ހަމަޖެހުމާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ބޯޑަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ދިޔާނާ ހާމަކުރެއްވި ގޮތުގައި، މި އަހަރުގެ މިހާތަނަށް 168 ކިލޯގެ މަސްތުވާތަކެއްޗާއި، ޤަވާޢިދާ ޚިލާފަށް އެތެރެކުރަން އުޅުނު 47 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަނީ އަތުލައިގެންފައެވެ. މީގެއިތުރުން، ވޭޕް މަނާކުރި ފަހުން މިހާތަނަށް 121،000 އަށް ވުރެ ގިނަ ވޭޕާއި އެއާ ގުޅުންހުރި އާލާތްތައް ހިފަހައްޓާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމިޝަނަރ ޖެނެރަލް ވިދާޅުވީ، ކަސްޓަމްސްގެ ކާމިޔާބީ ހަމައެކަނި އަތުލައިގަނެވޭ ތަކެތީގެ އަދަދުން މިންނޭޅޭނެ ކަމަށާއި، އެންމެ ބޮޑު ކާމިޔާބީއަކީ މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ މަނާ ތަކެތި އެތެރެވިޔަނުދީ ހިފެހެއްޓުން ކަމަށެވެ.

ބޯޑަރު ބެލެހެއްޓުން ހަރުދަނާކުރުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެއަރ ކާގޯ ކޮންޓްރޯލް ޔުނިޓެއް ޤާއިމުކޮށް، ވައިގެ މަގުން އެތެރެކުރާ ހުރިހާ މުދަލެއް އެކްސްރޭ ކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ފުލުހުންނާއި ސިފައިންނާ ގުޅިގެން ޚާއްޞަ ޖޮއިންޓް އޮޕަރޭޝަންތައް ވެސް ކުރިއަށް ގެންދާކަން ފާހަގަކުރެއްވިއެވެ.

ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން، ވީއައިއޭ މެދުވެރިކޮށް އެތެރެކުރާ މުދާ 24 ގަޑިއިރު ކްލިއަރ ކުރެވޭނެ އިންތިޒާމާއި، "ސީ-ޓު-އެއަރ ކާގޯ" ޚިދުމަތަށް އޮންލައިންކޮށް އެދެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.

މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކަށް ބައްލަވާލައްވަމުން، ރާއްޖެއިން ބޭރުގެ 73 ޕްރޮގްރާމަކުން 172 އޮފިސަރުންނަށާއި، ރާއްޖޭގައި ކުރިއަށްގެންދިޔަ 49 ޕްރޮގްރާމަކުން 345 އޮފިސަރުންނަށް ތަމްރީނު ދީފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މި އަހަރުގެ މާރިޗު މަހު ކަސްޓަމްސް މުވައްޒަފުންގެ މުސާރައަށް ގެނެސްދެއްވި ހެޔޮ ބަދަލަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދިޔާނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު