މުޙައްމަދު އަޢުޡަމް   22 ނޮވެމްބަރު 2026 - 23:57
އަބުދު ﷲ ޝާހިދު: އެމްޑީޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވައި ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ވަނީ ނިންމާފަ
އަބުދު ﷲ ޝާހިދު: އެމްޑީޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވައި ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ވަނީ ނިންމާފަ
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރިއިރު ކުއްޖާގެ ބަސް ހޯދައިފައި ނެތް ކަމަށް ޝާހިދުގެ ވަކީލުން މިއަދު ބުނެފިއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުތަކާ ގުޅިގެން މި މަހުގެ ދެވަނަ ޝާހިދު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކުރި މައްސަލަ ޝާހިދު އިސްތިއުނާފްކުރި ނަމަވެސް ހައިކޯޓުން މިއަދު ނިންމާފައިވަނީ، ކްރިމިނަލް ކޯޓުން ކުރިން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ނަމަވެސް ޝާހިދުގެ ވަކީލުން ވަނީ ޝާހިދު ހައްޔަރުކުރީ އިޖުރާތްތަކާ ހިލާފަށް ކަމަށް ބުނަމުންނެވެ. އެގޮޮތުން ޝާހިދު ހައްޔަރުކުރިއިރު ކުއްޖާގެ ބަހެއް ހޯދައި ކޯޓުތަކަށް އެކަން ކަށަވަރުކުރެވޭ ހިސާބަށް ގޮސްފައިނުވާތީ މިއީ ކުރިން އެއްގޮތަކަށް ވެސް އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށް ޝާހިދުގެ ވަކީލުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ޝާހިދުގެ މައްޗަށް ކޮށްފައިވާ ތުުހުމަތުތައް ވެސް ވަކީލުން ވަނީ ދޮގުކުރައްވައިފައެވެ.

ޝާހިދުގެ ގާނޫނީ ވަކީލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުޑަކުއްޖަކަށް އަނިޔާއެއް ދިން ކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މި މައްސަލައިގައި، ޤާނޫނުން އިންތިހާއަށް ހިމާޔަތާއި ރައްކާތެރިކަން ލިބިދީފައިވާ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބި، މި ބާވަތުގެ މައްސަލަތައް ބެލުމާ ގާނޫނުން މަތިވެފައިވާ މުއައްސަސާތަކުގެ އިތުބާރު ގެއްލޭ ފަދަ ކަންކަން ހިނގަމުންދާތީ ނުހަނު ކަންބޮޑުވާ ކަމަށެވެ. އެގޮތުން ވިކްޓިމްގެ ބަހެއް ނެތި މިފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކުރުމަކީ މީގެ ކުރިން އެއްވެސް އިރެއްގައި ޖިނާއީ އަދުލުގެ ނިޒާމުގައި އަމަލުކޮށްފައިވާ ގޮތެއް ނޫންކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ޝާހިދު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުން ދަމަހައްޓާފައި ވަނީ ވެސް، ވިކްޓިމް ކަމަށް ބުނާ ކުއްޖާގެ ބަހެއް ތަހުގީގަށް ހޯދުނުކަން ނުވަތަ ނޫންކަން ކޯޓުތަކަށް ކަށަވަރުނުކުރެވޭ ހާލަތެއްގައި ކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ. މި ތަހުގީގަކީ ޖިނާއީ ތަހުގީގަކަށްވުރެ ބޮޑަށް ސިޔާސީ ގޮތުން ފަލީހަތްކުރުމުގެ ސިފަޖެހިފައިވާ ކަމެއް ކަމަށް ތުހުމަތުކޮށް ވަކީލުންގެ ބަޔާނުގައި އިތުރަށް ބުނީ ޢަބްދުﷲ ޝާހިދު ހައްޔަރުކުރުމުގެ ކުރިން ބަޔަކު ރާއްޖޭގެ ގިނަ ނޫސްވެރިންނަށް އަންގައި، އޭނާގެ ގޭދޮށަށް ނޫސްވެރިން ގެންދިއުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރުމުގެ ވަގުތުތަކެއް ކުރިން، ހައްޔަރުކޮށްފި ކަމަށް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫހަކުން ސުރުޚީ ޖަހާފައިވާކަން ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން، މި ތުހުމަތުގެ ބާވަތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުމެއް ސިއްރުކުރުން ގާނޫނުން ލާޒިމްކުރާ ނަމަވެސް، މައްސަލައާ ގުޅޭ އެތައް މައުލޫމާތުތަކެއް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި އާންމުވެފައިވާއިރު މިއީ ކަމާގުޅުންހުރި މުއައްސަސާތަކުގެ އިތުބާރު ކިލަނބުވުމުގެ އިތުރުން، މިކަމުގައި ސިޔާސީ ކުލަ ޖެހިފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.

ނަމަވެސް، މި މައްސަލައިގެ ހަގީގަތް ހާމަވެގެންދިއުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ދެކެވަޑައިގަންނަވާތީ، ތަހުގީގަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ޝާހިދު ދެއްވަމުން ގެންދަވާ ކަމަށް ބަޔާނުގައި ބުންޏެވެ. އަދި އޭނާގެ މައްޗަށް ކޮށްފައި ވަނީ އަސާސެއް ނެތް ތުހުމަތެއް ކަމުން، މިކަމުގެ ހަގީގަތް ހާމަވެ، އެ ތުހުމަތުތައް އުފަންވެގެން އައި ދިމާލަކާ އިންސާފު އަރާ ހަމަކުރާނެ ކަމުގެ ޔަގީންކަން ޝާހިދަށް އޮތް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ފުލުހުން ޝާހިދު ހައްޔަރުކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޝާހިދު ވަނީ، އެމަނިކުފާނާއި ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތަކަކީ ޝަހުސު ކަތިލަން ދައްކަމުންދާ ވާހަކަތަކެއް ކަމަށް ވިދާޅުވެ ތުހުމަތަށް އިންކާރު ކުރަށްވާފައެވެ. ޝާހިދު ވިދާޅުވީ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، އެހެންވެ މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު