އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެކަން އިއުލާނުކޮށް ކެމްޕެއިން ހިންގަވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ފުރިހަމަ ތާއީދު އޮތްކަމަށާއި، އެ ދެ ބޭފުޅުން ޕްރައިމެރީއަށް ކުރިމަތިލެއްވީ ވެސް އެމަނިކުފާނުގެ ތާއީދު ލިބިވަޑައިގެން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ފައިސަލް އާއި އާޒިމްގެ ތާއީދުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާ ބައްދަލުކުރުމަށް ބޭއްވި ހާއްސަ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން، ”ސަންގު ޓީވީ“ އިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންނާއި ކެންޑިޑޭޓުން ބައިވެރިވި މި ބައްދަލުވުމުގައި ރައީސް ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



ޕްރައިމެރީއާ ގުޅޭގޮތުން ފައިސަލް އާއި އާޒިމަށް ރަސްމީކޮށް ތާއީދުކުރައްވައިފިތޯ ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދަނީ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ކަމަށެވެ. އަދި ރިޔާސީ ޕްރައިމެރީ އޮންނާނީ ގައުމީ މަޖިލީހުގެ އިންތިޚާބަށް ފަހުގައި ކަމަށާއި، ފައިސަލް ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވަން ނިންމަވާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާން ކުރައްވާފައިވާކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލިހުގެ އިންތިހާބުގައި ފައިސަލް އާއި އާޒިމްގެ ތާއީދާއެކު "ޓީމް އެމްޑީޕީ" ގެ ނަމުގައި ކެމްޕެއިން ކުރާ 200 އެއްހާ ކެންޑިޑޭޓުންނަށް ވެސް ތާއީދު ކުރައްވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

މިހާތަނަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވި ބޭފުޅުންގެ ތެރޭގައި ފައިސަލްގެ އިތުރުން، ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު އަދި ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވަ އެވެ.



ކިޔުންތެރިންގެ ހިޔާލު