ޓެންޑަރ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު
ޓެންޑަރ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަކާ ނުލައި، ރިއަލް އެސްޓޭޓް ބިލު މިހާރު އޮތް ގޮތަށް ފާސްނުކުރުމަށާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ރަސްމާލޭގެ އެއްބަސްވުމުގައި ސޮއިނުކުރުމަށް، ޓެންޑަރ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލައްވައިފިއެވެ.

ޒަރިޔަންދު މިކަމަށް ގޮވާލެއްވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވަނީ މިއީ ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރަށް ދެއްވާ ސީރިއަސް އިންޒާރެއް ކަމަށް ވިދާޅުވެފައެވެ.

އެ ޕޯސްޓުގައި ޒަރިޔަންދު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުތަކާ ގުޅިގެން އާންމުންގެ ނުރުހުން އިތުރުވަމުންދާއިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ މި އެއްބަސްވުންތައް އުވާލާނެ ކަމުގެ އިންޒާރު ދެމުންނެވެ. އެހެންކަމުން، 2028 ވަނަ އަހަރުގެ ރިޔާސީ ދައުރަށްފަހު އަންނަ ސަރުކާރަކުން ބިދޭސީންނަށް ރަށްވެހިކަން ދިނުމާއި، ވިސާގެ އިމްތިޔާޒުތަކާއި، މުދާ މިލްކުކުރުމާއި ބަދަލުކުރުމުގެ އުސޫލުތައް ހަނިކުރުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބިން ދޫކޮށްލުމަށްފަހު އަލުން ދޫކުރާ (ސަރެންޑަރ-އެންޑް-ރީގްރާންޓް) ނިޒާމު ހަނިކުރުމަށް ޤާނޫނުތަކަށް ބަދަލު ގެނައުމާއި، ދިވެހިރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު ވެފައިވާ އިންވެސްޓްމަންޓް މުޢާހަދާ އުވާލުމަށް މަސައްކަތް ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެފަދަ ފިޔަވަޅުތަކެއްގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކަށް އަލިއަޅުއްވާލައްވަމުން ޒަރިޔަންދު ވިދާޅުވީ، ބައިނަލްއަޤްވާމީ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅި، ރާއްޖޭގެ ޚާރިޖީ ގުޅުންތަކަށް ބުރޫއެރުމުގެ ބިރު އެބައޮތް ކަމަށެވެ. އަދި މިހާރުވެސް ދަރަނީގެ ބުރަ ބޮޑުވެފައިވާ މި ޤައުމުން ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިދާނެ ކަމަށްވެސް އޭނާ އިންޒާރު ދެއްވިއެވެ.

"މިއަދު ނިންމާ ސިޔާސީ ނިންމުންތަކެއްގެ ސަބަބުން، އަންނަން އޮތް ޖީލުތަކުގެ ބޮލުގައި މިފަދަ ބޮޑު މާލީ ދަރަންޏެއް އެޅެންވީ ކީއްވެގެންތޯ؟" ސުވާލު އުފައްދަވަމުން ޒަރިޔަންދު ލިޔުއްވާފައިވެއެވެ.

ޕޯސްޓް ނިންމަވާލައްވަމުން އޭނާ ވިދާޅުވީ، މިއީ ދިވެހި ރައްޔިތުންގެ ބިމާއި ދަރިންގެ މުސްތަޤްބަލާ ގުޅިފައިވާ ކަމެއް ކަމަށާއި، ދިގު މުއްދަތަކަށް ބަނދެވިގެންދާ ފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން، މިކަމުގައި ގޮތެއް ނިންމުމުގެ ފުރުސަތު ރައްޔިތުންނަށް ދޭންޖެހޭ ކަމަށެވެ.

ރަސްމާލެ މަޝްރޫޢާއި ރިއަލް އެސްޓޭޓް ބިލާ ގުޅޭގޮތުން ސިޔާސީ މަސްރަހުގައާއި އާންމުންގެ މެދުގައި ބަހުސްތައް ކުރެވެމުންދާއިރު، ސަރުކާރުން ބުނަމުންދަނީ މި މަޝްރޫޢުތަކަކީ ރާއްޖޭގެ އިޤްތިޞާދާއި ބޯހިޔާވަހިކަމަށް މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު