ދިއްގަރުގައި ހިންގި ސަސްޓެއިނެބަލް އާރބަން ފާމިންގ މަޝްރޫޢު، ފޮޓޯ: ބީއެމްއެލް
ދިއްގަރުގައި ހިންގި ސަސްޓެއިނެބަލް އާރބަން ފާމިންގ މަޝްރޫޢު، ފޮޓޯ: ބީއެމްއެލް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމަޢު ބާރުވެރިކުރުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، މ. ދިއްގަރުގައި ކުރިއަށްގެންދިޔަ "ސަސްޓެއިނަބަލް އަރބަން ފާމިންގ" މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަޝްރޫޢަކީ ދިއްގަރުގެ ތަރައްޤީއަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ "ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން" އިސްނަގައިގެން ހިންގި ޚާއްޞަ ހަރަކާތެކެވެ. މި މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ ބީއެމްއެލްގެ "ބޭންކް ފަންޑު" ގެ ދަށުން ޖަމިއްޔާތަކަށް ހުޅުވާލި ފުރުޞަތުގައި ލިބުނު 200,000 ރުފިޔާގެ މާލީ އެހީތެރިކަމާއެކުގައެވެ.

މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތައް ކަމުގައިވާ ހައިޑްރޯޕޯނިކްސް އަދި ވާޓިކަލް ފާމިންގ ތަޢާރަފުކޮށް، މަދު ޖާގައެއްގައި ގިނަ ޢަދަދަކަށް ތަކެތި ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި ރަށު ފެންވަރުގައި ތާޒާ މޭވާއާއި ތަރުކާރީ އުފައްދައި، އެ ތަކެތި ރައްޔިތުންނަށް ފަސޭހަކަމާއެކު ހެޔޮ އަގުގައި ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ ވެސް މި މަސައްކަތުގެ މުހިންމު ބޭނުމެކެވެ.



ސަސްޓައިނަބްލް އާރބަން ފާމިންގް ޕްރޮގްރާމުގެ އުފެއްދުންތައް، ފޮޓޯ: ބީއެމްއެލް


މީގެއިތުރުން، ދަނޑުވެރިކަމުގެ މި އައު މޮޑެލްގެ ޒަރީޢާއިން ރަށުގެ ޒުވާނުންނަށާއި އާންމު ރައްޔިތުންނަށް ދަނޑުވެރިކަމުގެ ޢަމަލީ ތަމްރީނާއި މަޢުލޫމާތު

ފޯރުކޮށްދެވިގެންދިޔައެވެ. މިއީ މުސްތަޤުބަލުގައި ރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުވެ، އާމްދަނީ ހޯދުމަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށް އެ ރަށުން މަޢުލޫމާތު ދެއެވެ.

ބީއެމްއެލްގެ "ބޭންކް ފަންޑު" ގެ އެހީގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ތިމާވެއްޓާއި، ތަޢުލީމާއި، ކުޅިވަރުގެ އިތުރުން މުޖުތަމަޢަށް ފައިދާހުރި ތަފާތު ދާއިރާތަކުން ދެމެހެއްޓެނިވި މަޝްރޫޢުތައް ހިންގުމަށް އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ބޭންކުގެ އަމާޒަކީ މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، މުޖުތަމަޢުތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިކޮށްދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު