ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން
ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން އެއްވެސް ޕްލެޓްފޯމެއް މެދުވެރިކޮށް ވިޔަފާރިކުރުމަކީ މަނާކަމެއް ކަމަށާއި، އެފަދަ މައްސަލަތައް ޚާއްސަ ޓާސްކް ފޯހަކުން ބަލައި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ބުނެފައިވަނީ އެއްވެސް ޕްލެޓްފޯމެއްގައި ގަވާއިދާ ޚިލާފަށް ބިދޭސީންނަށް ވިޔަފާރި ނުކުރެވޭނެ ކަމަށެވެ. އަދި ބިދޭސީން އިސްވެ ތިބެ އޮންލައިންކޮށާއި އެހެނިހެން ގޮތްގޮތަށް ވިޔަފާރިކުރާ މައްސަލަ އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް އެކުލަވާލާފައިވާ ޚާއްސަ ޓާސްކް ފޯހުން އެކަންކަން ވަރަށް ގާތުން މޮނިޓަރކޮށް ބަލަމުން އަންނަ ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

ހަމައެއާއެކު މި މައްސަލަތައް ތަޙުޤީޤުކުރުމަށްފަހު، ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން ވެސް އެ ވުޒާރާއިން ވަނީ ދީފައެވެ.

ރާއްޖޭގައި ބިދޭސީން އިސްވެ ތިބެ އެކި ބާވަތުގެ ވިޔަފާރިތައް ހިންގުން މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. އެގޮތުން ކެއިންބުއިމުގެ ޚިދުމަތްތަކުން ފެށިގެން، އަންނައުނު ވިއްކުމާއި، މޭވާއާއި ތަރުކާރީގެ ވިޔަފާރި އަދި އެހެނިހެން ލޭބަރު މަސައްކަތްތަކުގައި ވެސް ބިދޭސީން އިސްނަގައިގެން އެހެން ބިދޭސީން ބައިވެރިކޮށްގެން ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ދާޚިލީ ވުޒާރާއިން ވަނީ ބުނެފައެވެ.

ދާޚިލީ ވުޒާރާއިން އިތުރަށް ބުނީ، ބިދޭސީން ރާއްޖެ ގެނައުމަށްފަހު އެމީހުންނާ މެދު އިހުމާލުވާ ފަރާތްތަކަށް، އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާއިން ޖޫރިމަނާކުރަން މިހާރު ފަށާފައިވާ ކަމަށެވެ. މިގޮތުން މިހާތަނަށް އެފަދަ 265 މައްސަލައެއް ސިސްޓަމްގައި ރެކޯޑްކުރެވި، ކަމާބެހޭ ފަރާތްތައް ވަނީ ޖޫރިމަނާ ކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފެށި "އޮޕަރޭޝަން ކުރަނގި" ހަރަކާތުގެ ތެރެއިން މިހާރު ވަނީ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ޤައުމެއްގެ ބިދޭސީ އާބާދީގެ ތެރެއިން ވަނަވަރު ފުރިހަމައަށް ދެނެގަނެވިފައިނުވާ މީހުންގެ ނިސްބަތް އެއް އިންސައްތައިގައި ހިފެހެއްޓިފައިވާ ދުނިޔޭގެ މަދު ޤައުމުތަކުގެ ތެރޭގައި މިހާރު ދިވެހިރާއްޖެ ވަނީ ހިމެނިފައެވެ.

"ކުރަނގި" އޮޕަރޭޝަންގެ ދަށުން މިހާތަނަށް 294،000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވާއިރު، މިހާރު އައިޑެންޓިފައި ނުކުރެވި ތިބީ އެންމެ 1،102 މީހުންނެވެ. އަދި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 13،000 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ޑީޕޯޓް ކޮށްލާފައެވެ. ސަރުކާރުގެ އަމާޒަކީ ދިވެހި ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ޤާއިމުކޮށްދީ، ރާއްޖޭގެ ޤާނޫނުތަކަށް ފުރިހަމައަށް ބޯލަނބާ މުޖުތަމަޢެއް ބިނާކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު