ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ، ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ، ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ހިންގަމުންދާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން، ހުޅުމާލޭގައި ހުންނަ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކްތަކެއް އިއްޔެ ރެއިޑްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، އިމިގްރޭޝަންގެ ޓާސްކް ފޯސްއިން އިއްޔެ ހުޅުމާލޭގެ ބިދޭސީން ދިރިއުޅޭ ތަންތަން އަމާޒުކޮށްގެން ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 13 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އިމިގްރޭޝަންގެ ގަވާއިދުތަކާ ޚިލާފުވެފައިވާ އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ޑިޓެއިން ކޮށްފައެވެ.

އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ، މިފަދަ އޮޕަރޭޝަންތަކުގައި ބެލުމުގެ ދަށަށް ގެނެވޭ ބިދޭސީން ޑިޓެންޝަން ސެންޓަރުގައި ބޭތިއްބުމަށްފަހު، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މާލެ ސަރަހައްދުގައި ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގާފައެވެ. މި އޮޕަރޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު، މިހާތަނަށް ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅުނު 12،552 ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓުކޮށް ފޮނުވާލާފައެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ އަދި ފުރިހަމަ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ފަށާފައިވާ "ކުރަނގި" އޮޕަރޭޝަންގެ ދަށުން މިހާތަނަށް 294،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި މިހާރު އައިޑެންޓިފައި ނުކުރެވި ތިބީ އެންމެ 1،102 މީހުން ކަމަށްވެސް ސަރުކާރުން ކުރިން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު