ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފާއި ގައުމީ އިނާމް އެމްޑަބްލިއުއެސްސީގެ ހަތަރު މުވައްޒަފަކަށް ލިބިވަޑައިގެންފިއެވެ.

ޖުމްހޫރީ ދުވަހާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ގައުމީ އިނާމު ލިބިވަޑައިގެންނެވި އެމްޑަބްލިއުއެސްސީގެ ހަތަރު މުވައްޒަފުންނަކީ މުސްތަފާ ހަސަންއާއި އައިމިނަތު ރަޝީދާ، މުހައްމަދު އަލީ އަދި މުހައްމަދު ރިޔާޒްއެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ހަތަރު މުވައްޒަފުންނަކީވެސް ކުންފުނީގެ ތަރައްގީއަށާއި ދިވެހި ގައުމަށް ނަމޫނާ ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅުންތަކެއް ކަމަށެވެ.

އެވޯޑް ލިބިވަޑައިގެންނެވި މުސްތަފާ 35 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވިއިރު އޭނާ މިހާރު ހުންނެވީ އެމްޑަބްލިއުއެސްސީގެ ސީނިއާ ޕްރިފޯމްސް އޮޕަރޭޝަން އިންޖިނިއަރުގެ މަގާމުގައެވެ.

އައިމިނަތު ރަޝީދާވެސް 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާއިރު އޭނާ މިހާރު ހުންނެވީ އެމްޑަބްލިއުއެސްސީގެ ޕެއަބަލް އެގްޒެކެޓިވްގެ މަގާމުގައެވެ.

ސީނިއާ ކަސްޓަމާ ސާވިސް އޮފިސަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަލީވެސް ވަނީ 35 އަހަރު އެމްޑަބްލިއުއެސްސީގައި ހިދުމަތް ކުރައްވައިފައެވެ.

އަދި މުހައްމަދު އިޔާޒް އެމްޑަބްލިއުއެސްސީގައި ހިދުމަތް ކުރައްވާތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އޭނާ މިހާރު ހުންނެވީ މީޓާ ރިޕްލޭސްމަންޓް އޮފިސަރުގެ މަގާމުގައެވެ.



ކިޔުންތެރިންގެ ހިޔާލު