އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޑު ކުރުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޑު ކުރުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި އެ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމަށް ހިންގާ މަޝްރޫޢުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްގޮސް، މިހާތަނަށް މުޅި މަޝްރޫޢުގެ 32.47 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށް މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ހަރުދަނާކޮށް، ފުޅާކުރުމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ސިޓީގައި ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޑަބްލިއުއެސްސީން ބުނީ، ސ. ހިތަދޫ އަދި ސ. ހުޅުމީދޫގައި އާރު.އޯ ފެސިލިޓީ ޤާއިމުކުރުމުގެ މުހިންމު މަސައްކަތްތައް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން، އެ ދެ ރަށުގައި ފެން ރައްކާކުރުމަށް ބަހައްޓާ ބޮޑެތި ތާންގީތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތައް ވެސް މިހާރު ދަނީ ބާރަށް ކުރެވެމުންނެވެ.

އެ ކުންފުނިން އިތުރަށް ފާހަގަކުރި ގޮތުގައި، ހިތަދޫ އަދި ހުޅުމީދޫގައި ކުރިއަށްދިޔަ ބްރައިން އައުޓްފޯލް އެންކަރ ބްލޮކް ކާސްޓިންގ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެހެނިހެން އިމާރާތްކުރުމުގެ މަސައްކަތްތަކާއި ފިނިޝިންގ މަސައްކަތްތައް ވެސް އެއްވެސް މެދުކެނޑުމެއްނެތި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އެމްޑަބްލިއުއެސްސީން މަޢުލޫމާތު ދެއެވެ.

މި މަޝްރޫޢު އެއްކޮށް ނިމުމުން، އައްޑޫ ސިޓީގައި ފެން އުފެއްދުމާއި ރައްކާކުރުމުގެ ޤާބިލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. އަދި މީގެ ސަބަބުން އެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ފެން ލިބުމުގެ ދަތިކަމަށް އެދެވޭ އަދި ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.

އެމްޑަބްލިއުއެސްސީން އަމާޒު ހިފާފައިވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ވީހާވެސް އަވަހަކަށް މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި ރައްޔިތުންނަށް މި ޚިދުމަތް ފުރިހަމައަށް ފޯރުކޮށްދިނުމަށެވެ.



ކިޔުންތެރިންގެ ހިޔާލު