ޤަޠަރުގެ ވެރިރަށް ދޯހާގައި ބޭއްވުނު އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޮލިސް އެކެޑަމީސް (އިންޓަރޕާ) ގެ 15 ވަނަ ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ވަފުދަކުން ބައިވެރިވެވަޑައިގެންފިއެވެ.

މި ހިނގާ މަހުގެ 16 އިން 18 އަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ފުލުހުންގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، މަންހަޖުތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށެވެ. އަދި އައު ޒަމާނުގެ ސަލާމަތީ ގޮންޖެހުންތަކާ ކާމިޔާބުކަމާއެކު ކުރިމަތިލެވޭނެ ފަދަ ޤާބިލު އޮފިސަރުން ބިނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތް ތަމްޘީލުކުރެއްވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙުމާ ސަޢީދު އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ސަރވިސް އެޑްމިނިސްޓްރޭޝަން އިސްމާޢީލް ޞަފްޙަތެވެ.

ޤަޠަރުގެ މިނިސްޓްރީ އޮފް އިންޓީރިއަރގެ ދަށުން ހިންގަމުން އަންނަ ޤަޠަރު ޕޮލިސް އެކެޑަމީން އިންތިޒާމުކުރި މި ކޮންފަރެންސްގައި، ދުނިޔޭގެ އެކި ޤައުމުތަކުގެ ޕޮލިސް އެކެޑަމީތަކާއި ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ތަމްރީނުދޭ މަރުކަޒުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ ތެރެއިން މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ބައިނަލްއަޤުވާމީ ފެންވަރުގައި އެއްބާރުލުން ދިނުމުގެ އިތުރުން، ފުލުހުންގެ ތަޢުލީމާއި ތަމްރީނުގެ ފެންވަރު މަތިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މުހިންމު ޚިޔާލުތަކެއް ވަނީ ބަދަލުކުރެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު