ބޯޑަރު ބެލެހެއްޓުން ހަރުދަނާކުރުމަށް އިމިގްރޭޝަނުން އެމެރިކާގެ އިސް ވަފުދަކާއެކު މަޝްވަރާކުރުން، ފޮޓޯ: އިމިގްރޭޝަން
ބޯޑަރު ބެލެހެއްޓުން ހަރުދަނާކުރުމަށް އިމިގްރޭޝަނުން އެމެރިކާގެ އިސް ވަފުދަކާއެކު މަޝްވަރާކުރުން، ފޮޓޯ: އިމިގްރޭޝަން
ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ބޯޑަރު ބެލެހެއްޓުމުގެ ދާއިރާއިން އޮތް ގުޅުން ހަރުދަނާކޮށް، ދެ ގައުމުގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނުން އެމެރިކާގެ އިސް ވަފުދަކާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން (ސީބީޕީ) ގެ ވަފުދަކުން، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ (ރިޓަޔަރޑް) އަޙްމަދު ފަސީހުގެ އަރިހަށް ކުރެއްވި ތައާރަފީ އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

އިމިގްރޭޝަންގެ މައި އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިންޑިއާގެ ނިއުދިއްލީގައި ހުންނަ އެމެރިކާ އެމްބަސީގެ ޔޫ.އެސް ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަންގެ އެޓާޗޭ މިސްޓަރ ގަގަންދީޕް ސިންގް އާއި، މާލޭގައި ހުންނަ އެމެރިކާ އެމްބަސީގެ ރީޖަނަލް ސެކިއުރިޓީ އޮފިސަރ މިސް ގަރީމާ ކައުޝަލް އެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް، ބޯޑަރުގެ ސަލާމަތީ ކަންކަމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރެވޭނެ އިންތިޒާމުތައް ވަރުގަދަކުރުމެވެ.

ރަސްމީ ބައްދަލުވުމަށްފަހު، އެމެރިކާގެ ވަފުދުގެ ބޭފުޅުން ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ "ވޯކް އޮފް ލެގަސީ" ބައްލަވާލައްވާފައެވެ. އަދި މި ޒިޔާރަތުގައި، ރާއްޖޭގެ އިމިގްރޭޝަންގެ ތާރީޚާއި، މުއައްސަސާގެ ޚިދުމަތްތައް ފުޅާވެ ތަރައްގީވަމުން އައިސްފައިވާ ގޮތުގެ މައުލޫމާތު ވަނީ އެ ބޭފުޅުންނާ ހިއްސާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު