އިމިގްރޭޝަން ކޮންޓްރޯލަރ ސީޕީ (ރިޓަޔާޑް) އަޙްމަދު ފަސީޙް
އިމިގްރޭޝަން ކޮންޓްރޯލަރ ސީޕީ (ރިޓަޔާޑް) އަޙްމަދު ފަސީޙް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފީއާއި ޖޫރިމަނާގެ ގޮތުގައި ނުދައްކާ ހުރި ފައިސާގެ ތެރެއިން ބޮޑުބައެއް ހޯދައި، ދައުލަތަށް ނުލިބިވާ އަދަދު 565 މިލިޔަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު 17 ނޮވެންބަރު 2023 ގައި ވެރިކަމާ ހަވާލުވިއިރު، ބިދޭސީންނާ ގުޅޭ ފީއާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި 1.7 ބިލިޔަން ރުފިޔާ އޮތެވެ. ނަމަވެސް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، ދައުލަތަށް ނުލިބި އޮތް އެ ބޮޑު އަދަދު މިހާރު ވަނީ 565 މިލިޔަން ރުފިޔާއަށް ތިރިކުރެވިފައެވެ. ސަރުކާރުން މި ފައިސާ ހޯދުމުގެ ހާއްސަ މަސައްކަތްތައް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މި ފައިސާ ހޯދުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ފީ ނުދައްކާ ފަރާތްތަކަށާއި ޖޫރިމަނާ ފައިސާ ނުދައްކާ ހުންނަ ފަރާތްތަކަށް 'އެކްސްޕެޓް ސިސްޓަމް' މެދުވެރިކޮށް ދެމުން އައި ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލުން ހިމެނެއެވެ. މީގެ އިތުރުން، ބޮޑެތި އަދަދުތަކުން ޖޫރިމަނާ އަރާފައިވާ ކުންފުނިތަކަށާއި ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިދީފައެވެ. މި ފިޔަވަޅުތަކުގެ ދަށުން 31 އޮގަސްޓްގެ ނިޔަލަށް 13،987 ފަރާތެއް ސިސްޓަމުން ވަނީ ސަސްޕެންޑްކޮށްފައެވެ.

އަދި ހަމައެއާއެކު، ބިދޭސީން ރާއްޖެ ގެނައުމަށްފަހު އިހުމާލުވާ ފަރާތްތަކަށް، އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާއިން ޖޫރިމަނާކުރަން ފަށާފައިވާއިރު، މިހާތަނަށް އެފަދަ 265 މައްސަލައެއް ސިސްޓަމްގައި ރެކޯޑްކުރެވި ޖޫރިމަނާ ކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ބަޔާންކުރެއެވެ.

މީގެއިތުރުން، މި ސަރުކާރުން ފެށި "އޮޕަރޭޝަން ކުރަނގި" ހަރަކާތުގެ ތެރެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ގައުމެއްގެ ބިދޭސީ އާބާދީގެ ތެރެއިން ވަނަވަރު ފުރިހަމައަށް ދެނެގަނެވިފައިނުވާ މީހުންގެ ނިސްބަތް އެއް އިންސައްތައިގައި ހިފެހެއްޓިފައިވާ ދުނިޔޭގެ މަދު ގައުމުތަކުގެ ތެރޭގައި މިހާރު ދިވެހިރާއްޖެ ވަނީ ހިމެނިފައެވެ. "ކުރަނގި" އޮޕަރޭޝަންގެ ދަށުން މިހާތަނަށް 294،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. މިހާރު އައިޑެންޓިފައި ނުކުރެވި ތިބީ އެންމެ 1،102 މީހުންނެވެ. އަދި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 13،000 މީހުން މިހާތަނަށް ވަނީ ޑީޕޯޓް ކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު