ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް-
ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް-
ފ. އަތޮޅު މަޝްރޫއާ ގުޅުވައިގެން ވެރިކަންކުރާ ޕީއެންސީގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްދު ދެއްވައިފިއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފްރޮންޓް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ސައޫދީގެ އިންވެސްޓްމަންޓަކުން ހިންގަން އުޅުނު އެ މަޝްރޫއަކީ އެއްވެސް ހާލެއްގައި ބޭރު ބަޔަކު ވަޒަންވެރިކުރުވުމުގެ މަޝްރޫއެއް ނޫން ކަމަށެވެ. އަދި އެ ތަނަކީ ދިވެހި ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ތަނެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، ރަސްމާލޭން 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއާ ދެކޮޅުވާން ޖެހެނީ އެއީ ޔަހޫދީން ވަޒަންވެރިކުރުވާ މަޝްރޫއަކަށް ވާތީ ކަމަށެވެ. މިއީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓެއް ނޫން ކަމަށާއި، މިއީ ހަމަ ސީދާ ޔަހޫދީން ރާއްޖޭގައި ވަޒަންވެރިކުރުވަން ހިންގާ ވަރަށް ހީލަތްތެރި ރޭވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެނގޭ ކިހާ ހީލަތްތެރި މަޝްރޫއެއްކަން މިއީ. މިއީ ހަމަ ސަހުޔޫނީން މި ތަނަށް ގެނެސް ވަޒަންވެރިކުރުވަން ކުރާ ކަމެއް. ބިލުގައި ވެސް މާ ރަނގަޅުވާނެ ރަސްމާލެއަކީ ރާއްޖޭގެ ސިޔާދަތު ނުހިނގާ ތަނެކޭ ވެސް ލިޔަން." ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން، އެއިން ތަނެއް މީހަކު ފުރަތަމަ 99 އަހަރަށް މިލްކުކުރުމަށްފަހު ދަރިންނަށާއި ދަރިންގެ ދަރިންނަށް ވާރުތަވަމުންދާއިރު ކޮންމެ ފަހަރަކު 99 އަހަރު އިތުރުވާ އުސޫލެއް އޮތުމުން މިއީ ދުވަހަކު ވެސް ދައުލަތަށް އަނބުރާ އަތުލެވޭނެ ތަނެއް ނޫން ކަމަށް ވިދާޅުވެ ޔާމީން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އާންމު ރައްޔިތުންނަށް ހީލަތްތެރީ ރަސްމާލެ މަޝްރޫއު ހުއްޓުވުންތޯ ނުވަތަ ހިންގުންތޯ ބެލުމަށް ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ގޮސްފިނަމަ، ރައްޔިތުންގެ ފަސް އިންސައްތަ ތާއީދު ވެސް އެ މަޝްރޫއަށް ނުލިބޭނެ ކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ ބިމަކަށް ވާތީ އެންމެ ފަހު ބަސް ބުނުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނަންވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ތުހުމަތުކުރެއްވި ގޮތުގައި، ރަސްމާލެ މަޝްރޫއު ޔަހޫދީންނަށް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެންމެ ބޮޑަށް ވާގިވެރިވެވަޑައިގަންނަވާ ބޭފުޅަކީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ޔާމީން ވިދާޅުވީ "އެންމެ ވަރުގަދައަށް މުއިއްޒު މިކުރާ މަސައްކަތަށް ފުނަ ޖަހާ މީހަކަށް މިހުރީ ރައީސް ނަޝީދު" ކަމަށެވެ.

އަނެއްކޮޅުން، ރައީސް ނަޝީދު ދާދިފަހުން ވިދާޅުވެފައިވަނީ ބޭރުގެ އިންވެސްޓްމަންޓްތަކުގެ (އެފްޑީއައި) ސަބަބުން ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލު ނުގެއްލޭނެ ކަމަށެވެ. އަދި ދިވެހި އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަމާއި އުފާވެރިކަން ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް ކަމަށްވެސް އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ. ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން މި މަހުގެ އެއްވަނަ ދުވަހު ގަރާރެއް ފާސްކުރިއިރު، އެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވަނީ އެ މަޝްރޫއަށް ފާޅުގައި ތާއީދުކުރަށްވާކަން ހާމަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު