ރޭ ބޭއްވި ރައްޔިތުންގެމަޖިލީހުގެ ޖަލްސާ
ރޭ ބޭއްވި ރައްޔިތުންގެމަޖިލީހުގެ ޖަލްސާ
ލޯކަލް ކައުންސިލްގެ އިންތިޚާބު ބޭއްވުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލާފައިވަނީ މޮހޮނަށް އޮޑިދޭ ގޮތަށް ކަމަށް ބުނެ ކައުންސިލަރުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ޗެއަރޕަރސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި "އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލު 2020" މަޖިލީހުން ރޭ ވަނީ 73 މެންބަރުންގެ ވޯޓުން ފާސްކުރައްވާފައެވެ.

ރޭ ފާސްކުރި ބިލުގައި ބުނެފައި ވަނީ ދައުރު ހަމަވުމަށް ފަހު ދެން ތިބޭނީ ވަގުތީ ކައުންސިލަރުން ކަމަށާއި، ލާމަރުކާޒީ ގާނޫނުގެ ދަށުން މިހާރު ކައުންސިލުތަކަށް ލިބިދޭ ބައެއް ބާރުތައް ވަގުތީ ކައުންސިލުތަކަށް ނުލިބޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ބައެއް ކައުންސިލަރުން ބުނެފައިވަނީ، އެއްވެސް ޚަރަދެއް ނުކުރެވޭ ގޮތަށް ކައުންސިލަރުން މަޤާމުގައި ބޭތިއްބުމަކީ، މޮހޮނަށް އޮޑިދޭ އުސޫލުން ކޮށްފައިވާ ކަމެއް ކަމަށާއި، ހަމަ އެކަނި ނަމެއްގައި ކައުންސިލަރުން ބޭތިއްބުމަކީ ރައްޔިތުންގެ ނުރުހުން އެ ފަރާތްތަކަށް އަމާޒު ވާނެ ކަމެއް ކަމަށެވެ. އަދި މިއީ މިހާރު މަޤާމުގައި ތިބެ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކައުންސިލަރުންގެ ޙައްޤުތަކަށް އުނިކަން ލިބޭނެ ކަމެއް ކަމަށް އެ ކައުންސިލަރުން ވަނީ ފާހަގަ ކޮށްފައެވެ.

ރޭ ފާސްކޮށްފައިވާ ޚާއްސަ ޤާނޫނުގައިވާ ގޮތުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ނުވަތަ ކައުންސިލުގެ އިހުތިސާސް ހިމެނޭ ބިމެއް ނުވަތަ އިމާރާތެއް ނުވަތަ ރައުސުލްމާލެއް ވިއްކުމާއި، ހަމަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި، އެހެން ފަރާތަކަށް އަގެއް ނުލިބޭގޮތަށް ދިނުމާއި ނުވަތަ ހަވާލު ކުރުމާއި، ކައުންސިލު ޒިންމާވާގޮތަށް ދަރަންޏަށް ފައިސާ ނެގުމާއި، ދަރަންޏަށް ފައިސާ ދިނުމާއި، އާންމު ހިދުމަތްތައް ދިނުމަށް އިންވެސްޓް ކުރުމާއި، ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ހަރަދު ކުރުމާއި، ސަޕްލިމެންޓްރީ ބަޖެޓް ފާސް ކުރުމާއި، ކައުންސިލުގެ އިދާރާގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، ކައުންސިލަށް މުވައްޒަފުން ލުމާއި ވަކިކުރުމުގެ ކަންކަން ކުރަންވާނީ އެލްޖީއޭގެ ހުއްދަ ލިބިގެންނެވެ.

ބިލުގައިވާ ގޮތުން އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރާ ތާރީިހުގެ ދެ ހަފްތާ ކުރިއަށް، ކައުންސިލުތަކުގެ ވަގުތީ މުއްދަތުގައި ކައުންސިލުގެ އާމްދަނީއާއި، ހަރަދާއި، މިލްކިއްޔާތާއި، މާލީ ޒިންމާތަކުގެ ހިސާބު، ކޮންމެ ކައުންސިލަކުން ލޯކަލް ގަވަމަންޓް އޮތޯރިޓީއަށާއި، އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ޖެހޭނެއެވެ.

ބިލްގައި ވާގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި އާ މެންބަރުން އިންތިހާބުވެ މަގާމާ ހަވާލުވަންދެން ހިނގާ ވަގުތީ މުއްދަތުގައި، ކައުންސިލްތަކުން ރައްޔިތުންނަށް ދޭންޖެހޭ ރަށްވެހިކަމުގެ އެންމެހައި ހިދުމަތްތައް މެދުކެނޑުމެއްނެތި ދޭން ޖެހޭނެއެވެ.

މާދަމާ އަކީ މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިއްބަވާނެ އެންމެ ފަހު ދުވަހެވެ. އެހެން ނަމަވެސް ގާނޫނުއަސާސީ އިސްލާހުކޮށް އެ ކައުންސިލަރުންނަށް މަގާމުގައި ދެމި ތިބެވޭނެ އިންތިޒާމް ރައްޔިތުންގެ މަޖިލީހުން ވަނީ ހަމަޖައްސައިދީފައެވެ. އަދި ކައުންސިލަރުންގެ ބާރުތައް ހަނިކޮށް ކައުންސިލަރުން ޢަމަލުކުރާނެ ސަންސެޓް ޤާނޫނެއް ވަނީ، އެކުލަވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން