ރައީސްް އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސްް އިބްރާހިމް މުޙައްމަދު ޞާލިޙް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްސަ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020" އަކީ 2 ޖޫން 2020 ވީ އަންގާރަ ދުވަހުގެ މެންދަމު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާއިން ފާސްކުރި ބިލެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020" އަކީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ އިންތިޤާލީ މުއްދަތުގައި މަޤާމުގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަޤާމުގައި ދެމިތިބޭއިރު އެ މެންބަރުން ޢަމަލުކުރާނެ އިންތިޤާލީ ޢުޞޫލްތައް ބަޔާންކުރާ ޤާނޫނެކެވެ.

އެ ޤާނޫނުގައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި މިހާރު އިންތިޚާބުކުރެވިފައިވާ ކައުންސިލްތަކުގެ ޢުމުރު 3 ޖޫން 2020 އަށް ހަމަވާއިރު، ކޯވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ ކަމަށެވެ.

އެގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭތީ، ދިވެހިރާއްޖޭގައި ބޭއްވުމަށް އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާޙައުލެއް ޤާއިމުކުރެވެންދެން ފަސްކުރުމަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 އިން ކަނޑައަޅާފައިވާތީ، 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި، އާ މެންބަރުން އިންތިޚާބުވެ މަޤާމާ ޙަވާލުވަންދެން، 3 ޖޫން 2020 ގެ ފަހަށް ހޭދަވާ އިންތިޤާލީ މުއްދަތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގައި ކައުންސިލްތަކުން ޢަމަލުކުރާނެ ގޮތްތައް މި ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020" ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން