ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ބައެއް އަމަލުތަކާ ގުޅިގެން އެމަނިކުފާނު ކުށްވެރިނުވެ، މުންކަރާތް މަނާކުރި ޝެއިޚް ކުށްވެރިވަނީ ކީއްވެތޯއޭ ވިދާޅުވެ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ސުވާލު އުފައްދަވައިފިއެވެ.

ޔޯގާ ދުވަހާ ގުޅިގެން ކުރިއަށްދިޔަ ހަރަކާތަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރު ކޮށްފައިވާ ޝެއިޚް ނިޝާންގެ ބަންދުގެ މުއްދަތު އިތުރު ކުރުމާ ގުޅުވައި އިޔާޒު މިއަދު ވިދާޅުވީ، ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހު، އެކަން ކުރަންޖެހިވަޑައިގަތީ، "ބޮލުގައި ބަޑި ޖެއްސުމުން" ކަމަށް ވިދާޅުވެ، މުއައްސަސާތަކުގެ އަގުވައްޓާލާ އޭގެ ސަބަބުން ބަޔަކު ލޭކެކި ގައުމުގައި ހުޅުޖެހުމުންވެސް އެކަމުގައި އެމަނިކުފާނު ޒިންމާވާން ނުޖެހުނު ކަމަށެވެ.

އަދި ޔޯގާ މައްސަލާގައި ހައްޔަރު ކޮށްފައިވާ ޝެއިޚް ނިޝާން ދެއްކެވި ވާހަކައަކާ ގުޅިގެން ބަޔަކު މީހުން މާރާމާރީ ހިންގިކަމަށްބުނެ ޝެއިޚް ބޮލުގައި އެކަމުގެ ޒިންމާ އަޅުވާ އެކަމުގެ މަސްއޫލިއްޔަތު ޝެއިޚް އުފުލަން ޖެހުމަކީ އިންސާފުތޯ އިޔާޒު ވަނީ ސުވާލު ކުރައްވާފައެވެ.

އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ފުލުހުން ޓެގް ކުރައްވާ އިޔާޒު ވިދާޅުވީ، އިންސާފަކީ އެކި މީހުންނަށް އެކި ގޮތަށް އޮންނަ އެއްޗެއްތޯ ވެސް އިޔާޒު ވަނީ ސުވާލު ކުރައްވާފައެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން ދީނީ ދެ އިލްމުވެރިއަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ޝެއިޚް ފަޒްޟޫން ދޫކޮށްލިނަމަވެސް، ޝެއިޚް ނިޝާންގެ ބަންދަށް މިއަދު އަނެއްކާވެސް ވަނީ މުއްދަތު އިތުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން