ބޮޑު ތިލަދުންްމައްޗަށް މިސަރުކާރުން މިގެންނަނީ ބޮޑު ބަދަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕަރސަން މިޢުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިޢުވާން މިހެން ވިދާޅުވީ، ސަރުކާރުންކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިސަރުކާރުން، ބޮޑު ތިލަދުންމަތީގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގަމުންދާކަން ފާހަގަކުުރައްވައި މިޢްވާން ވިދާޅުވީ، އާރްޓީއެލްގެ ފެރީނިޒާމާއި އެކު ބޮޑުތިލަދުންމަތި ދަތުރުފަތުރުން ގުޅާލެވިފައި ވާއިރު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާއި ތިލަދުންމަތީގެ ރަށްރަށުގެ ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަޝްރޫއުތަކާއި އެނޫންވެސް ޢުމްރާނީ ތަރައްޤީގެ އެތައް ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާ ކަމަށެވެ. މީގެއިތުރުން ތިލަދުންމަތީގެ ތަރައްޤީއާއި ގުޅިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢުކަމުގައިވާ، ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އަންނަ ހަފްތާގެ އާދިއްތަ ދުވަހު ސޮއިކުރެވޭނެ ކަމުގައިވެސް މިޢްވާން ވިދާޅުވިއެވެ.

މިޢްވާން ވިދާޅުވީ، ދިވެހިންގެ ޖަޒީރާ ދިރިއުޅުމަށް ދިވެހިން އެނބުރި ދިޔުމަށް ކުރަމުންދާ މަސައްކަތުގައި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ކޮންމެ ރަށެއްގައިވެސް އަސާސީ ޚިދުމަތްތައް ޤާއިމްކުރައްވައި، އެހެން ރަށްރަށަށް ދަތުރުކުރެވޭނެ ފަސޭހަ ނިޒާމެއް ޤާއިމްކޮށް، ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެެއްސެވުމަށް ކަމަށެވެ. އަދި މިމަސައްކަތުގައި ބޮޑު ތިލަދުންމަތި ވެގެންދާނީ، ނަމޫނާ ސަރަހައްދަކަށް ކަމުގައިވެސް މިއުވާން ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި މިއުވާން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ މައުލޫމާތާއި، ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި ދެބިލެއްގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން މިފެށޭ ހަފްތާގައި ތިލަދުންމަތީގެ ބައެއްރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާނެކަން ހާމަކުރައްވައި މިޢުވާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ބޮޑު ތިލަދުންމަތީގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން