އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު | ފޮޓޯ: އައްޑޫސިޓީ ކައުންސިލް އިދާރާ
އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު | ފޮޓޯ: އައްޑޫސިޓީ ކައުންސިލް އިދާރާ
އައްޑޫ ސިޓީ ކައުންސިލްގެ އިދާރީ ހިންގުމާއި މާލީ މުޢާމަލާތްތަކުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަން ހާމަކޮށް، އޮޑިޓާ ޖެނެރަލްގެ އޮފީހުން އެ ކައުންސިލްގެ ޚާއްސަ އޮޑިޓް ރިޕޯޓެއް ނެރެފިއެވެ. 2022 އިން 2024 ވަނަ އަހަރާ ހަމައަށް އެ ކައުންސިލުން ކޮށްފައިވާ މުޢާމަލާތްތަކަށް ބިނާކޮށް ނެރުނު މި ރިޕޯޓުގައި، ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާ ޚިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާއި، ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއާ ޚިލާފަށް ރާއްޖެއިން ބޭރަށް ކުރި ދެ ތަޖުރިބާ ދަތުރަކަށް ކައުންސިލުން ވަނީ 1،200،610 ރުފިޔާ ޚަރަދުކޮށްފައެވެ.

މީގެ ތެރޭގައި 2023 ވަނަ އަހަރު ކައުންސިލްގެ 8 މެންބަރުންނާއި 2 މުވައްޒަފުން މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރަށް ޚަރަދުކުރި 515،101 ރުފިޔާ ހިމެނެއެވެ. އަދި 2024 ވަނަ އަހަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 9 މެންބަރުންނާއި، ކައުންސިލް މެންބަރަކާއި ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން 11 ބޭފުޅުން މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރަށް 685،509 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އައްޑޫ ސީޓީ ކައުންސިލްގެ މާލީ އިހުމާލުތަކުގެ ގޮތުގައި، ރިޕޯޓުގައި ފާހަގަ ކޮށްފައިވާ އެއްކަމަކީ، މަރަދޫ އަވަށުގައި މަސް މާރުކޭޓެއް ތަރައްގީ ކުރުމަށް 3.2 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫޢުގައި، ބިޑް އިވެލުއޭޝަނުން އެންމެ މަތިން މާކްސް ލިބުނު ފަރާތް ނޫން އެހެން ފަރާތަކަށް މަސައްކަތް ހަވާލުކުރުމުގެ ސަބަބުން، އިތުރަށް 897،942 ރުފިޔާ ޚަރަދުކުރަން ޖެހިފައިވުމެވެ.

މީގެ އިތުރުން، 2020 ވަނަ އަހަރު މަރަދޫ އަދި ހުޅުމީދޫގައި 'ގޭދޮށު މަސްޕްލާންޓް' އެޅުމަށް ހަވާލުކުރި ދެ އެއްބަސްވުމެއް ބާތިލުކޮށްފައިވާއިރު، އެޑްވާންސްގެ ގޮތުގައި ދޫކުރި 1،800،000 ރުފިޔާ މިއަހަރުގެ ފެބްރުއަރީ މަހާ ހަމައަށްވެސް އަނބުރާ ހޯދާފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވެހިކަލްތައް ގަތުމުގައި ހިންގާފައިވާ އިހުމާލުތަކަށް ބަލާއިރު، ހިތަދޫ އަވަށު އޮފީހަށް 345،000 ރުފިޔާއަށް ގަތް ޕިކަޕް އިންސްޕެކްޓް ނުކޮށް ހަވާލުވުމުގެ ސަބަބުން، އެއީ މަސައްކަތަށް އެކަށީގެންނުވާ އުޅަނދެއްކަން ފަހުން ވަނީ އެނގިފައެވެ. އަދި ފޭދޫ އަވަށަށް 549،720 ރުފިޔާއަށް ގަތް ސްނޯކަލް ލިފްޓަކީ 2017 ވަނަ އަހަރުގެ އުޅަނދެއް ހޯދަން އިއުލާންކޮށްފައި ވަނިކޮށް، 2012 ވަނަ އަހަރު އުފައްދާފައިވާ އުޅަނދެއްކަންވެސް އޮޑިޓުން ވަނީ ހާމަކޮށްފައެވެ. މި ވެހިކަލްގެ ރަޖިސްޓަރީ ކައުންސިލްގެ ނަމަށް ބަދަލުނުކޮށް ފައިސާ ދޫކޮށްފައިވުމަކީ މާލިއްޔަތު ގަވާއިދާ ކަނޑައެޅިގެން ޚިލާފު ކަމެއްކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓް ނިންމާލަމުން، މިފަދަ އިހުމާލުތައް ތަކުރާރުވިޔަ ނުދިނުމަށާއި، ޕްރޮކިއުމަންޓްގެ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ވަގުތުން ފެށުމަށް އޮޑިޓާ ޖެނެރަލް ވަނީ އައްޑޫ ސިޓީ ކައުންސިލަށް ލަފާއަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު