އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމަންޓް ފަށާނީ ބިލަބޮންގް ސްކޫލާއި ހަމައަށް ހިމެނޭ ސަރަޙައްދުތަކުގެ މަސައްކަތް ނިމުމުންކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

އާރުޑީސީން މިހެން ބުނެފައި މިވަނީ އަމީނީ މަގުގެ މަސައްކަތް ޕްލޭންކުރެވިފައިވާ ގޮތަށް ކުރިއަށް ނުދާކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.


އާރުޑީސީން ނެރުނު ބަޔާނެއްގައި ބުނީ އަމީނީ މަގުގެ މަސައްކަތް ޕްލޭންކޮށްފައިވާ ގޮތަށް ކުރިއަށްދާކަމަށެވެ. އަދި މިވަގުތަށް މަސައްކަތް މަޑުޖެހިފައިވަނީ މަގުގައި ކުރިއަށްގެންދަންޖެހޭ ޔުޓިލިޓީ ކަނެކްޝަންތަކެއްގެ މަސައްކަތް ކުރަންޖެހޭތީކަމަށް އާރްޑީސީން ބުނެއެވެ.



ރޯޑް ޑިވެލޮޕްމަންޓުން އަމީނީ މަގުގެ މަސައްކަތް ކުރިއަށްގެންދަނީ 13 ސެގްމަންޓަށް ބަހާލައިގެންނެވެ. އެއީ ކޮންމެ ސެގްމެންޓެއްގައި ޖުމްލަކޮށް 100 މީޓަރުގެ ސަރަޙައްދެވެ.

އާރުޑީސީން ބުނީ ތާރު އެޅުމުގެ ކުރިން މަގުގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިމުމުން، އެ ސެގްމަންޓްތައް ވެހިކަލް ދުއްވޭގޮތަށް ހުޅުވާލާނެކަމަށެވެ. އަދި ތާރު އެޅުމުގެ ފުރަތަމަ ސެގްމަންޓް ފަށާނީ، ބިލަބޮންގް ސްކޫލާއި ހަމައަށް ހިމެނޭ ސަރަޙައްދުތަކުގެ މަގުގެ މަސައްކަތް ނިމުމުންކަމަށްވެސް އާރްޑީސީން މަޢޫލޫމާތުދެއެވެ.

އާރްޑީސީން ބުނީ، އެ މަގުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ޕްލޭނާއި އެއްގޮތަށް ކުރިއަށްގެންގޮސް ނިންމާ، ދެވަނަ ސެގްމަންޓް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. އަދި ދެވަނަ ސެގްމަންޓްގެ ޢަމަލީ މަސައްކަތް ނުފެށެނީ، އެމްޑަބްލިއުއެސްސީއިން މާލެއަށް ދޭ ފެނާއި ނަރުދަމާގެ ޚިދުމަތުގެ ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް އެ ސަރަޙައްދުގައި ކުރިއަށްގެންދަން ޖެހޭތީކަމަށް އާރުޑީސީން ބުނެއެވެ.

އަދި މިވަގުތަށް މަސައްކަތް މަޑުޖެހިފައިވަނީ އެމަސައްކަތަށް ބޭނުންވާ ބައެއް ތަކެތި ލިބިފައި ނުވާތީ، މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދެވޭވަރަށް ވަސީލަތްތައް ފޯރުކޮށްދެވެންދެން އަމީނީ މަގުގެ މަސައްކަތް މަޑުޖައްސާލުމަށް މިިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެދިފައިވާތީކަމަށް އާރުޑީސީން ބުނެއެވެ.

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު