މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުންތައް ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންވެސް ސަރުކާރާއި ދެކޮޅަށް ބަޣާވާތްކުރަން އުޅޭ މީހުންނަށް އެ ފުރުސަތު ނުދެއްވާނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެގާރަ އަހަރު ޕާޓީއާއި ދުރުގައި ހުންނެވުމަށްފަހު އަލުން ޕާޓީއާއި ގުޅިވަޑައިގެންނެވި މޫސަ ވަނީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި ދެ ފެކްޝަންގެ އަރާރުން ކުޑަކުރަން މަސައްކަތްތަކެއް ކުރައްވާނެކަން ހާމަ ކުރައްވާފައެވެ.

އެގޮތުން ދާދިފަހުން މޫސަ ވިދާޅުވެފައިވަނީ، ޕާޓީގައިހުރި އެފަދަ ކަންކަން ނައްތާލުމަށް މަސައްކަތް ކުރަށްވާނެ ކަމަށާއި އަދި އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއިވެސް ބައްދަލު ކުރައްވާނެ ކަމަށާއި އެމަނިކުފާނާއި އެ ވާހަކަތައް ދައްކަވާނެ ކަމަށެވެ.

މޫސަގެ އެ މަސައްކަތާއި ގުޅުވައި މިއަދު ވިދާޅުވީ، ޕާޓީ އެއްބައިކުރަން ކުރެވޭ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީއާއި އެއްފިކުރެއްގައި މަސައްކަތް ކުރާ އެމްޑީޕީގެ ވެރިން، ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަން ޖާގަ ދިނުން ނޫންކަމަށެވެ.

އަދި އެއީ ބަޣާވާތަކަށް މަގުފަހިކުރަން ބަޔަކު ކުރާ މަސައްކަތަށް އާނބަސް ބުނުމެއް ވެސް ނޫންކަމަށް މޫސަ ވިދާޅުވިއެވެ.



މޫސަ މިފަދައިން ވިދާޅުވީ، ޕާޓީ އެއްބައިކުރަން މޫސަ ކުރައްވަން އުޅުއްވާ މަސައްކަތާއި ގުޅިގެން ކޮންފަރާތަކުން އޭނާއަށް އަމާޒުކުރި ފާޑުކިޔުމަކާއި ގުޅުވައިގެނެއް ކަމެއް ސާފެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މިހާރު ހިނގަމުންދާ ބަޖެޓް ބަހުސްގައި ވެސް އެމްޑީޕީގެ ބައެއް މެންބަރުން ގެންދަވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށާއި ސީދާ ރައީސުލްޖުމްހޫރިއްޔާ އަށްވެސް ފާޑުވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން