ޖުމްހޫރި ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމަކީ ރައްޔިތުންގެ މުދަލުން ނާޖާއިޒް މަންފާއެއް ހޯއްދަވާނެ ބޭފުޅެއްނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހް ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިޚާބަށް ރައީސް ޞާލިޙާއެކު ހައްދަވާ ޑީލެއްގެ ތެރެއިން ރާއްޖޭގެ ބައެއް ފަޅުތަކާއި ފަޅުރަށްތައް ހޯއްދެވުމަށް ޤާސިމް މަސައްކަތް ކުރަށްވާ ކަމަށްބުނެ އިދިކޮޅު ޕާޓީތަކުން ފަތުރަމުންދާ ވާހަކަތަކަށް ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާނުގެ މަޤާމުގައި ހުންނެވި އަލީ ޞާލިޙް ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ.

އަލީ ޞާލިޙް ވިދާޅުވީ، ދިވެހިރާއްޖޭގެ އެއްވެސް ފަޅުރަށެއް، ފަޅެއް، ފަރެއް އަދި ފިނޮޅެއްވެސް ނާޖާއިޒުގޮތުގައި ނުހައްގުން ޖުމްހޫރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ހޯއްދަވައިފައި ނުވާކަމަށެވެ. އޭގެ އިތުރުން ބަޔަކާއި ގުޅިގެންވިޔަސް އަދި އެނޫންގޮތަކުންވިޔަސް އެފަދަ އެއްވެސް މުޢާމަލާތެއް އެއްވެސް ސަރުކާރަކާއެކު ކުރެއްވުމަކީ ޤާސިމް ދުވަހަކުވެސް ގެންގުޅުއްވި ވިސްނުންފުޅެއް ނޫން ކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ.

ހަމައެއާއެކު އެފަދަ މުއާމަލާތެއްގެ މުގާބިލުގައި އެއްވެސް ފަރާތަކާއެކު މުއާމަލާތެއް ކުރެއްވުމަކީ ޤާސިމް ކުރަށްވާނެ ކަމެއް ނޫން ކަމަށާއި، މިވީހާތަނަށް އެއްވެސް އިރަކު އެފަދަ މުޢާމަލާތެއް ކުރެއްވިކަން ފެންނަންވެސް ނެތްކަމަށް ޢަލީ ޞާލިޙް ވިދާޅުވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ އެއްވެސް ތަހުގީގީ އިދާރާއެއްގައި، ނުވަތަ ޝަރުއީކޯޓެއްގައިވެސް އަދި ޝަރުއީކޯޓެއްގައި ހިނގާ ނިމި ހުކުމެއް އައިސްފައިވާ މައްސަލައެއްގައިވެސް ޤާސިމް އިބްރާހީމާއި ގުޅޭގޮތުން މިޒާތުގެ ކަމެއް ނެތްކަމީ އެކަމަށް ދަލީލުކޮށްދޭ ޙުއްޖަތްތައް ކަމަށް އަލީ ޞާލިޙް ވިދާޅުވެފައިވެއެވެ.

"ރާއްޖޭގެ ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ފަޅުތަކާއި ރަށްރަށް ވިއްކަވައިގެން ފައިސާ ލޯންޑަރ ކުރެއްވިކަން ސާބިތުވެ ހުކުމެއް އައިސްފައިވެއެވެ. އެބޭފުޅަކަށް ތާއީދުކުރާކަން ރައްޔިތުންނަށް އެނގޭ ބަޔަކު، އޮނަރަބަލް ޤާސިމް އިބްރާހީމާ މިހާރު ޒާތީގޮތުން ދިމާކުރުމަކީ އެއްކަލަ ފައިސާތައް ހުދުކުރި ބީދައިން ޝަޚުސުވެސް ހުދުކުރުމަށް އޮތް އެންމެ މޮޅުގޮތްކަމުގައި ދެކޭނަމަ އެއީ ކުށްހީއެކެވެ. އެކަމަށް ފުރުސަތެއް ނެތެވެ." ޤާސިމަށް ކޮށްފައިވާ ތުހުމަތުތަކަށް ރައްދު ދެއްވަމުން އަލީ ޞާލިޙް ވިދާޅުވިއެވެ.

ދިވެހިން ޤާސިމް އިބްރާހިމް ދެކެނީ މަދަދުގާރެއްގެ ގޮތުގައި ކަމަށާއި، ހަމައެއާއެކު ހަމަޖެހުން ގެނެސްދޭނެ ވެރިއެއްގެ ގޮތުގައި ކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ ދުރުވިސްނުންފުޅާއެކު ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރެއްވި އަދި ކުރައްވާ ބޭފުޅެއް ކަމަށްވެސް ޢަލީ ޞާލިޙް ވަނީ ވިދާޅުވެފައެވެ.

"އެއީ އާންމު ރައްޔިތުންގެ ތައުލީމީ ބައްޕައެވެ. އާންމު ރައްޔިތުންގެ ސިއްހީ މަދަދުގާރެވެ. އާންމު ރައްޔިތުންގެ ޒަރޫރަތާއި މައީޝަތާއި އިގްތިސާދީ ކަންކަމުގެ އެހީތެރިޔާއެވެ. މިލިސްޓުގެ އެއްވެސް ހިސާބެއްގައި ވައްކަމާއި ނާޖާއިޒު ފައިދާ ހޯދުމުގެ ހަރަކާތެއް ނުހިމެނެއެވެ." ޤާސިމާމެދު ފަތުރަމުންދާ ވާހަކަތައް ދޮގުކުރަށްވަމުން އަލީ ޞާލިޙް ވިދާޅުވިއެވެ.

ޢަލީ ޞާލިޙް އިތުރަށް ވިދާޅުވީ، ޤާސިމް އިބްރާހީމަކީ ރައްޔިތުންދެކެ އެންމެ ލޯބިފުޅުވާ ސިޔާސީ ލީޑަރު ކަމާމެދު ދެބަސްވާނެ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން