ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތަފްސީލުތައް އެ ޕާޓީން ހާމަކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން، އެ ޕާޓީގެ ސްޕެޝަލް އެޑްވައިޒަރު އަދި ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ، 2023 ވަނަ އަހަރާ ހަމައަށް އެކަނިވެސް ޤާސިމް އިބްރާހިމް ވަނީ މަތީ ތައުލީމަށް 947 މިލިއަން ރުފިޔާ ހޭދަކުރައްވާފައި ކަމަށެވެ.

ރިޔާޒް ފާހަގަކުރެއްވި ގޮތުގައި، ޤާސިމްގެ އަމިއްލަ ދީލަތި އެހީގައި މިހާތަނަށް 2,500 އަށް ވުރެ ގިނަ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. މި ހުރިހާ އެހީއަކީ ވެސް އެއްވެސް ބަދަލަކާ ނުލައި ހިލޭ ދެއްވާފައިވާ އެހީތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އދ. މާމިގިއްޔަކީ ކުރިން ކުޑަ ރަށެއް ނަމަވެސް، މިއަދު އެ ރަށުން ފެންނަ ބޮޑު ތަރައްގީއަކީ ޤާސިމްގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި، އެމަނިކުފާނު ހިދުމަތް ކުރެއްވި ކޮންމެ ރަށަކުން ވެސް މިފަދަ ތަރައްގީގެ ފޮނި މީރުކަން ލިބިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަކީ މުސްތަގުބަލުގައި ޔުނިވާސިޓީއަކަށް ބަދަލުވެގެންދާނެ ”ކޮލެޖެއްގެ“ ގޮތުގައި ސިފަކުރައްވަމުން ރިޔާޒް ވިދާޅުވީ، ޕާޓީގެ ލީޑަރަކީ ކޮންމެ ދުވަހަކުވެސް އިލްމީ ދިރާސާތަކުގެ އަލީގައި ޒުވާނުންނަށް އިބުރަތްތެރި ވާހަކަތައް ފޯރުކޮށްދެއްވާ ބޭފުޅެއް ކަމަށެވެ. އަދި ޖަލްސާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވުމަކީ، ޤާސިމްގެ އެހީތެރިކަން ކޮންމެވެސް ސިފައެއްގައި އެ ފަރާތްތަކަށް ލިބިފައިވާ ކަމުގެ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ، ޖުމްހޫރީ ޕާޓީން ކެންޑިޑޭޓުން ނެރޭނީ ހަމައެކަނި މާމިގިއްޔަށް ކަމަށެވެ. އަދި ބާކީ ހުރި ހުރިހާ ދާއިރާއަކުން އެ ޕާޓީން ތާއިދުކުރާނީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ކަމަށް އޭނާ އިއުލާން ކުރެއްވިއެވެ. މިއީ ގައުމުގެ ކުރިމަގު ރައްކާތެރިކުރުމަށްޓަކައި ޕާޓީން ނިންމި ސިޔާސީ ނިންމުމެއް ކަމަށްވެސް ރިޔާޒް ފާހަގަކުރެއްވިއެވެ.

މި ސަރުކާރަކީ ގައުމުގެ ބޮޑު ދަރަންޏަކާ ހަވާލުވެ، ގައުމު އިގްތިސާދީ ފުން އަނދަވަޅަކުން ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންދާ ސަރުކާރެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރަށް ތާއިދުކުރަނީ ޕާޓީއަށް ލިބޭނެ ފައިދާއަކަށް ބަލައިގެން ނޫން ކަމަށާއި، މިވަގުތު ގައުމުގެ ހާލަތު އޮތްގޮތުން ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަވެސް ކަންކަން ކުރައްވާނީ މި ބީދައިން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު