ހުޅުމާލެ ހުރަވީ ސްކޫލް
ހުޅުމާލެ ހުރަވީ ސްކޫލް
ހުރަވީ ސްކޫލްގެ ސީނިއާ މެނޭޖްމަންޓް ސްޓާފެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތުމަތު ނަޒްލާ ވިދާޅުވީ، މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ސްކޫލެއްގެ ސީނިއާ މެނޭޖްމަންޓް ބޭފުޅަކު ހިމެނޭ ކަމަށާއި، އޭނާއާ ޑައިރެކްޓް ކޮންޓެކްޓް ވި ކަމަށް ފާހަގަ ވެފައި ވަނީ މިހާތަނަށް 3 މީހަކު ކަމަށެވެ. އަދި މި 3 ސްޓާފުން މިހާރު ވަނީ ކަރަންޓީނު ކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ސްކޫލެއްގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅެއް މިވަނީ ޕޮޒިޓިވްވެފަ. އޭނާ ސްކޫލަށްވެސް މިދިޔަ ދެދުވަހު ނުކުމެވަޑައިގެންފައިވޭ. އެހެންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ މާސްކާ އެއްޗެހި އަޅައިފަ ހުންނެވީމަ، އެހެންމީހުންވެސް ޑިސްޓެންސިންއާއި ކަންކަމަށް ސަމާލުކަން ދީގެން ކަންކަން ކުރެވިފަހުރީމަ ސްކޫލްގެ 3 ސްޓަފެއް ފިޔަވާ އެހެން އެއްވެސް މީހެއް ކޮންޓެކްޓެއްގެ ގޮތުގައި ބެލެވޭކަށެއް ނެތް. އެހެންވީމަ 3 މީހުން ޖުމްލަ މިދިޔައީ." ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވް ވީ ހުރަވީ ސްކޫލުގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅެކެވެ. އަދި އެކަމާ ގުޅިގެން ކޮންޓްކްޓް ޓްރޭސިންގެ މަސައްކަތަށާއި، ޑިކޮންޓަމިނޭޝަންގެ މަސައްކަތަށް ސްކޫލް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައެވެ.

ހުރަވީ ސްކޫލުގެ މެނޭޖުމަންޓުގެ އިސްބޭފުޅަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދު ކޮށްފައި ބޭއްވުމަށް ފަހު ހުޅުވާލީ ހުސްވި ހަފްތާގެ ބުދަ ދުވަހުއެވެ. ސްކޫލުތައް ހުޅުވާލުމާއެކު މަތީ ގްރޭޑްތަކަށް ކިޔެވުންވެސް ވަނީ ފަށާފައެވެ.

ހުރަވީ ސްކޫލަކީ 1450 ދަރިވަރުންނަށް އެއްފަހަރާ ކިޔަވައިދެވޭ ގޮތަށް 54 ކްލާސް ރޫމް ހިމެނޭ ސްކޫލެކެވެ. ހަތް ބުރީގެ ތިން ބްލޮކް ހުންނަ އެ ސްކޫލަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލްގެ ހުރިހާ ފްލޯރ އަކަށް ވެސް ފަސޭހަކަމާ އެކު ވަދެނުކުމެ އުޅެވޭ ގޮތަށް އިމާރާތުގެ މެދުގައި ރޭމްޕެއް ހަދައިފައިފައިވާ ސްކޫލެކެވެ. ދަރިވަރުން ބޭނުން ކުރުމަށް ދެ ލިފްޓް ހުންނައިރު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭން ހާއްސަ ދެ ކްލާސްރޫމާއި، މަސައްކަތް ދަސްކޮށްދޭ ދެ ކްލާސްރޫމްވެސް އެ ސްކޫލްގައި ޤާއިމް ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން