ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ، ފޮޓޯ:މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ، ފޮޓޯ:މަޖިލިސް
ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ ޔަޤީންކަން ނެތްނަމަވެސް، މިއަދުން ފެށިގެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް އެ ކޯލިޝަނުން ނިންމައިފިއެވެ.

މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް އިދިކޮޅު ކޯލިޝަނުން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލިސް ވަރަށް ޚުދުމުޚުތާރުކޮށް، މަޖިލިސްގެ ރައީސް ބޭނުންފުޅުވާ ގޮތަކަށް ހިންގަވަމުން ގެންދެވުމާއި، އަދި ރައްޔިތުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް މަޖިލީހަށް ހުށައެޅިފައިވުމާއި، ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލަންޖެހޭ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާތީކަމަށް އެކޯލިޝަނުން ބުނެއެވެ.

"ކަންމިހެން އޮތްނަމަވެސް، ރައްޔިތުންގެ މަޖިލިސް ވަރަށް ޚުދުމުޚުތާރުކޮށް، މަޖިލިސްގެ ރައީސް ބޭނުންފުޅުވާ ގޮތަކަށް ހިންގަވަމުން ގެންދިއުމާއި، އަދި ރައްޔިތުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް މަޖިލީހަށް ހުށައެޅިފައިވުމާއި، ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލަންޖެހޭ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވީހިނދު، މިކޯލިޝަންގެ މެމްބަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ ޔަޤީންކަން ނެތްނަމަވެސް، މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ނިންމާފައިވާ ވާހަކަ ދަންނަވަން." ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން އިއްޔެ ނެރުނު ބަޔާނުގައި ވެއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމަށް މަޖިލީހުގެ ތަޅުމުގައި އަނިޔާ ކުރި މައްސަލަ އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ ކޮމިޓީ އޮން ދަ ހިއުމަންރައިޓްސް އޮފް ޕާލިމެންޓޭރިއަންސްއިން މިހާރު ބަލަމުންދާކަމަށްވެސް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އަދި ޝިޔާމަށް ކޮށްފައިވާ އަނިޔާތަކާ ގުޅޭ ތަޙްޤީޤް މިހާރު ކުރިއަށްދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދީފައިވާތީ، އިންސާފުވެރިކަމާ ހަމަހަމަ ކަމާއެކު މިތަޙްޤީޤު އަވަހަށް ނިންމައި އަނިޔާވެރި ޢަމަލު ހިންގި މެމްބަރުންނަށް ފިޔަވަޅު އަޅައިދިނުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

"ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ފުލުހުންގެ ބިލާއި، ރޭޕްގެ މައްސަލަތަކާއި ގުޅިގެން ކުރިމަތިވެފައިވާ ކަންބޮޑުވުންތަކާއި، ކޮވިޑް19 އާއި ގުޅިގެން ރައްޔިތުން އިތުރަށް ބިކަވެ ނިކަމެތިވަމުންދާދިއުމާއި، މިސަރުކާރުން ކޮވިޑާ ގުޅިގެން ކުރަމުންދާ ވައްކަންތަކާއި، މިނޫނަސް ރައްޔިތުންނަށް ދަތިވެފައިވާ އެތައް މައްސަލަތަކާ ގުޅިގެން މި ކޯލިޝަންގެ މެމްބަރުން ރައްޔިތުންނަށްޓަކައި ޙައްޤު ބަސްބުނެ، އަޑުއުފުލުމުގައި ފަހަތަށް ނުޖެހޭނެކަމުގެ ފުރިހަމަ ޔަޤީންކަންދެން." ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން މަޖިލީހުގެ ޖަލްސާތަކަށް ދިއުން ހުއްޓާލާފައިވަނީ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަޙްމަދު ޝިޔާމަށް އަނިޔާކޮށް ހިންގި މާރާމާރީއާއި ގުޅިގެން، އިދިކޮޅު ކޯލިޝަންގެ މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނެތްކަމަށްބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން