ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ މަޖިލީހުގެ ކޮމިޓީ
ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ މަޖިލީހުގެ ކޮމިޓީ
ބ. ބޮޑުފިނޮޅުގައި ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދީ ރިޒް ކުންފުނިން މަސައްކަތް ކުރުވި މައްސަލާގައި ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތައް މަޖިލިސް ކޮމިޓީއަށް ހާޒިރުކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ މަޖިލީހުގެ ކޮމިޓީން ނިންމައިފިއެވެ.

ބޮޑުފިނޮޅުގައި ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުވެފައިވާ ރިޒް ކުންފުންޏަކީ ރައްޔިތުން މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުންޏެކެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުދީ އެތައް މަހެއް ވަންދެން މަސައްކަތްކުރުމުން އެކަމާއި ދެކޮޅަށް ހަމަނުޖެހުން ހިންގާ ދިވެހިންގެ ބަޔަކު ރަހީނުކޮށް އެތައް މުދަލަކަށް ބިދޭސީން ވަނީ ގެއްލުންދީފައެވެ. ބިދޭސީން ރަހީނުކުރި ދިވެހިން ސަލާމަތްކޮށް ބިދޭސީން ހައްޔަރުކޮށްފައިވަނީ މާލެއިން ދިޔަ ފުލުހުންގެ ޓީމަކުން މިދިޔަ ހުކުރުދުވަހުއެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި 19 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާދީފައެވެ. މި މީހުން ބަންދުގެ މަޖިލީހުގައި ވާހަކަދައްކަމުން ބުނެފައިވަނީ މުސާރަ ދިނުމަށް އެދުމުން ބަޔަކު މީހުން ރަށަށް އަރުވާ މަރާލާނެ ކަމުގެ އިންޒާރުވެސް ދީފައިވާކަމަށެވެ.

ރިޒް ކުންފުނިން ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގާ މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ތުހުމަތުކުރެވޭކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލާގައި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައިވަނީ ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގައި ބަޔަކު ރަހީނުކުރި މައްސަލަ ދިރާސާކުރާ، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ މަޖިލީހުގެ ކޮމިޓީން ނިންމީ، އިކޮނޮމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން އަދި ލޭބަ ރިލޭޝަންސް އޮތޯރިޓީ ކޮމިޓީ އަށް ހާޒިރުކުރުމަށެވެ.

ބޮޑު ފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދޭތާ އެތައް މަހެއްވެފައިވާކަމަށް އެމީހުން ބުނާއިރު އެރަށުގައި މަސައްކަތްކުރާ ދިވެހިންވެސް ބުނަނީ އެމީހުނަށްވެސް މުސާރަ ނުދޭތާ 7 މަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން