"ފެއިލް ވެއްޖެ" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން މާލޭގައި ރެލީއެއް ބޭއްވުމަށް ނިންމައި އެކަން އިޢުލާނުކޮށްފިއެވެ.

އިދިކޮޅު ޙަރަކާތް ލީޑު ކުރެއްވުމުގައި އިސްކޮށް އުޅުއްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، "ފެއިލްވެއްޖެ" ގެ ނަމުގައި ޕްރޮގްރެސިވް ކޯލިޝަނުން ބާއްވާ ޚާއްޞަ ރެލީ 17 ޖުލައި 2020 ވާ ހުކުރު ދުވަހު ކާނިވަލް ސަރަހައްދުގައި އޮންނާނެ ކަމަށެވެ.



އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާ ކުރީގެ މެމްބަރު އިބްރާހީމް ސުޖާއު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ފެއިލްވެފައިވާކަމަށެވެ. އެގޮތުން އެކަން ޒިންމާދާރުކުރުމާއި ސަމާލުކަމަށް ގެނައުމަށް ސަރުކާރަށް ސިޓީފޮނުވާފައިވާކަމަށެވެ.

ނަމަވެސް އެކަމަށް މިސަރުކާރުން ބީރުކަންފަތެއް ދީފައިވުމުން ޖަވާބުދާރީކުރުވުމަށާއި ރައްޔިތުންގެ ކަންބޮޑުވުން އިއްވުމަށް އިދިކޮޅު ކޯލިޝަނުން މި މަހުގެ 17 ވާ ހުކުރު ދުވަހު ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. ބޮޑު ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ހޯދުމަށް އެދިފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޖަލްސާ ބޭއްވުމަށް ހުއްދައަށް އެދުނު ނަމަވެސް ހުއްދަދޭން ސަރުކާރުން ޖެހިލުންވާކަމަށް ވެސް ސުޖާއު ފާހަގަކުރެއްވިއެވެ.

ކޯވިޑް-19 ގެ ސަބަބުން ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެ ނުހެދުމަށް ސަރުކާރުން އިލްތިމާސް ކުރަމުންދާއިރު، ސަރުކާރާއި އިދިކޮޅު ކޯލިޝަނުން މިފަދަ އެއްވުމަކަށް ގޮވާލުމުން މީސް މީޑިއާގައި ބައެއް ފަރާތްތަކުން ގެންދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

އަދި މި ވަގުތަކީ ޖިންސީ ގޯނާއާއި، ރޭޕްގެ މައްސަލަތައް އިތުރުވެ، ހިއުމަން ޓްރެފިކިންގ އާއި، ބިދޭސީންގެ މައްސަލާގައި ސަރުކާރަށް ޢާއްމު ރައްޔިތުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ވަގުތެއްކަންވެސް ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު