މިސަރުކާރުން ޓީޗަރުންގެ މުސާރައަށް ގެނެސްދެއްވި ހެޔޮ ބަދަލާއެކު ޓީޗަރުން ލިބުމުގައި ތަޢުލީމީ ދާއިރާއަށް ކުރިމަތިވެފައިއޮތް ދަތިކަން ޙައްލުވަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން ބުނީ މުސާރައަށް އައި ހެއު ބޮދަލާއެކު މިހާރު ކުރިއަށްވުރެ މާބޮޑަށް މިދާއިރާއާ ގުޅޭ ޓީޗަރުން އިތުރުވަމުން އަންނަކަމަށެވެ. އެކިއެކި ސަބަބަުތަކާހެދި ދާއިރާގައި މަސައްކަތްކުރާ މީހުން ދާއިރާ ދޫކޮށް ދިއުމުގެ މައްސަލަ ކުރިން ވަރަށްބޮޑަށް ކުރިމަތިވެފައި އޮތް ނަމަވެސް މިހާރު އެމައްސަލަ ވަރަށްބޮޑަށް ޙައްލުވެފައިވާކަމަށް އެމިނިސްޓްރީން ބުނެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ، ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެނެސްދެއްވި ހެޔޮ ބަދަލާއެކު، ކުރިން ތައުލީމީ ދާއިރާ ދޫކޮށް އެހެން ދާއިރާތަކުގައި މަސައްކަތްކުރަމުން އައި ގިނަ އަދަދެއްގެ ޓީޗަރުންނާއި ތަޢުލީމީ ދާއިރާއަށް ޚާއްސަ މުވައްޒަފުން އަލުން ދާއިރާއާ ގުޅެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް މިފަދަ ބޭފުޅުންނަށް ފުރުސަތު އޮތީ ހުޅުވާލާފައި ކަމަށާ، ރާއްޖެއިން ބޭރުން ޓީޗަރުންނާއި ތަޢުލީމީ ދާއިރާއަށް ޚާއްސަ މުވައްޒަފުން ގެންނަނީ ދިވެހިން ނުލިބިއްޖެ ޙާލަތުގައި ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ދިވެހިން ރާއްޖޭގެ ތަޢުލީމީ ދާއިރާއާ ގުޅުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ސަރުކާރުން ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލާއެކު ކުރިން 10،000 ރުފިޔާގެ މުސާރައެއް ލިބުނު ޑިޕްލޮމާ ފެންވަރުގެ ޓީޗަރެއްގެ މުސާރަ 13،000އަށް ވަނީ އިތުރުވެފައެވެ. އަދި 13،000 ރުފިޔާގެ މުސާރައެއް ލިބުނު ޑިގްރީ ފެންވަރުގެ ޓީޗަރުންގެ މުސާރަ 19،000އަށް ވަނީ ބޮޑުވެފައެވެ. މާސްޓަރސް ފެންވަރުގެ ޓީޗަރުންގެ މުސާރަ 15،000އިން 20،000އަށް ބޮޑުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން