އެންމެ ފަހުން ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވީއިރު، އޭރުގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް މުޙައްމަދު ނަޝީދެވެ. އެހެންނަމަވެސް ޝަރުޢީ ޙުކުމެއް ތަންފިޒުކުރައްވަމުން ވަޑައިގެންނެވުމުގެ ސަބަބުން ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަރު އޮތީ ގެއްލިފައެވެ. އޭރު ނަޝީދުގެ ނުފޫޒާއި ބާރު އޮތް އެމްޑީޕީން ފަހު ވަގުތާހަމައަށްވެސް ކިޔަމުން ގެންދިޔައީ މިހާރު އިދިކޮޅު ޕީޕީއެމުން ކިޔަމުން އެދާ ލަވައެވެ. އެއީ އެމީހުންގެ ރިޔާސީ ކެންޑިޑޭޓު މިނިވަންވެ އިންތިޚާބުގައި ވާދަކުރާނެވާހަކައެވެ. އެމީހުންގެ ކެންޑިޑޭޓާ ނުލައި އިންތިޚާބު ނުބޭއްވޭނެ ވާހަކައެވެ. އެހެންނަމަވެސް އިންތިޚާބުގެ ދުވަހާ ހަމައަށް އައިއިރު މަންޒަރު ބަދަލުވިއެވެ. ގިތް ދޫކޮށް ކިޔަމުން އައި ލަވަޔާއި ރާގާއި ފުނަވެސް ބަދަލުކޮށް އެހެން ކެންޑިޑޭޓަކު ޖެހުނީ ނެރޭށެވެ.

މިފަހަރުވެސް ނަޝީދު ވެފައިވަނީ އިދިކޮޅު ލީޑަރަކަށެވެ. އޭނާ މިހާރު ހުންނެވި ފިޔަވަޅަށް ބަލާއިރު އެހުންނެވީ އިދިކޮޅު ޕީޕީއެމް ފަޅީގައޭ ދެންނެވިދާނެއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީނެވެ. ރައީސް ޔާމީން މިވަގުތު ހުންނެވީ ދިގު މުއްދަތެއްގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަން ޖަލުގައެވެ. އިސްތިއުނާފު މައްސަލަ ހައިކޯޓުގައި އޮތަސް ޝަރުޢީ 3 މަރުހަލާ ނިމި އެ ޙުކުމުން ޔާމީން މިނިވަން ވެގެން ނޫނީ އިންތިޚާބުގައި ވާދަކުރެވޭނެ ގޮތެއް އޮތްކަމަކަށް ނުފެނެއެވެ. އަދި އިންތިޚާބަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެޙުކުމުން ޔާމީން މިނިވަން ވިޔަސް އެފަދަ އިތުރު ޙުކުމެއްގައި ނުބަނދެވޭނެކަމުގެ ޔަޤީންކަމެއް ވެސް ނެތެވެ. ދަށުކޯޓުގައި ފުލުފުލުގައި މައްސަލަތައް އެބައޮތެވެ.

ޕީޕީއެމްގެ ޔާމީނަށް ވަފާތެރި ލީޑަޝިޕުން ޢާންމު މެމްބަރުންނާއި ރައްޔިތުންނަށް ދެއްވަމުންދިޔަ އުންމީދު މިހާރުވަނީ އެހެންގޮތަކަށް ބަދަލުވާން ފަށާފައެވެ. ޔާމީނަށް ކުރިމަތިލެވޭނެކަމަށް އެބޭފުޅުން ތަކުރާރުކޮށް ވިދާޅުވިޔަސް މަންޒަރު ދައްކަނީ އެހެން ހަޤީޤަތެކެވެ. އެތަން ޕީޕީއެމްގެ ޢާންމު މެމްބަރުންނަށްވެސް ފެނެއެވެ.

އެހެންކަމުން ޔާމީނަށް ކުރިމަތި ނުލެވޭ ޙާލަތުގައި އޭނާ ފިޔަވައި ޕީޕީއެމްގެ ތެރެއިން އެހެން ކެންޑިޑޭޓަކު ނެރުމުގެ ވިސްނުން ޕީޕީއެމްގެތެރެއިން އުފަންވިއެވެ. އެވާހަކަ ދައްކާ ކޮންމެ މީހަކީ ޔާމީނަށް ޚިޔާނަތްތެރިވި މީހެއްކަމަށް ބަލައި ފިޔަވަޅުވެސް އެޅިއެވެ. އެހެންނަމަވެސް އެވިސްނުން ޕީޕީއެމްގެތެރެއިން ނައްތައެއް ނުލެވުނެވެ. ސިއްރާއި ފާޅުގައި މިވާހަކަ ދައްކާ އެތައް ބަޔަކު ޕީޕީއެމްގެ ސެނެޓުގައާއި ޢާންމު މެމްބަރުންގެ ތެރޭގައިވެސް އެބަތިއްބެވެ.

ދެތިން ކެންޑިޑޭޓެއްވެސް ޕީޕީއެމްގެ ތެރެއިން އެބަފެނެއެވެ. އެންމެ މަޤުބޫލީ މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދުރޭ ކިތަންމެ ނުރުހުނަސް ޑރ. ޝަހީމުގެ ނަންފުޅު ވެސް ފަނޑުވުމެއް ނެތި އެލިސްޓުގައި އެބައޮތެވެ.

ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން މިހާރު އަންނަނީ ޕީޕީއެމާއެކު ސިލްސިލާ މަޝްވަރާތައް ބާއްވަމުންނެވެ. މަޝްވަރާގެ މަޤްސަދެއްކަމަށް ދެޕާޓީންވެސް ފުރަތަމަ ބުނީ މިހާރުގެސަރުކާރު ބަދަލުކުރުމެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމުން ބޭލުމެވެ.

އުފެދޭ ސުވާލެއްއް އެބައޮތެވެ. މިކަން ކުރާނީ ކިހިނެއްހެއްޔެވެ؟ ރިޔާސީ އިންތިޚާބުގެ ކުރިން ހެއްޔެވެ؟ ނުވަތަ އިންތިޚާބުގައި ދެޕާޓީން އެއް ކެންޑިޑޭޓަކު ނެރެގެން ހެއްޔެވެ؟

ނަޝީދު އެމްޑީޕީ ދޫކޮށް ނުކުމެވަޑައިގަތީ އެޕާޓީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީ ހަޖަމުނުވެގެންނޭ ދެންނެވިދާނެއެވެ. ގަބޫލުކުރިއަސް ނުކުރިއަސް އެނާކާމިޔާބީ އަކީ މިހާރު ނަޝީދުގެ ސިޔާސީ ތަރީގެ އަލި ފަނޑުވެފައިވާ މިންވަރުގެ ހަގީގީ މަންޒަރެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް މިއަހަރުގެ ޖެނުއަރީ މަހުގެ 28ގައި ބޭއްވި ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް ޞާލިހު ކާމިޔާބު ހޯއްދެވީ ބޮޑު ތަފާތަކުންނެވެ. ޕްރައިމަރީގައި ރައީސް ޞާލިޙަށް 61 އިންސައްތަ ލިބިވަޑައިގެންފައިވާއިރު، އެއީ 24572 ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15631 ވޯޓާއެކު 39 އިންސައްތައެވެ.

ސާފުވަނީ ދެކަމެކެވެ. އެއްކަމަކީ ނަޝީދަށް އެމްޑީޕީގައި ތާޢީދު ނެތްކަމެވެ. އަނެއް ކަމަކީ ނަޝީދު ނޫން ކެންޑިޑޭޓަކަށް އެމަނިކުފާނުގެ ތާޢީދު ނެތްކަމެވެ. ރައީސް ޞާލިހަށް ދެއްވަން ބޭނުންފުޅުނުވި ފުރުސަތެއް ރައީސް ޔާމީނަށް ދެއްވަން ނަޝީދު ބޭނުންފުޅު ނުވާނެ ކަމެވެ.

މިޙާލަތު މިހެން އޮތްހާހިނދަކު ނަޝީދާއި ޔާމިންގެ ނަންފުޅު މިފަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ކޮޅަކުން ނުފެންނާނެ ކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެވެ. ބަޔަކު ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިޔަސް ރިޔާސީ އިންތިހާބަކުން ފާސްވާ ވަރަކަށް ނަޝީދަކަށް މިއަދަކު ތާއީދެއް ނެތެވެ. ތާއީދު ކުރަންޖެހޭ ސަބަބެއް ވެސް ނެތެވެ. ޕާޓީގެ އެތެރޭގެ އިންތިހާބަށްފަހު އެމަންޒަރު ކުޑަކޮށް ވެސް ބަދަލުވެފައިވާނަމަ ނަޝީދުގެ ހިޔަނީގައި އުފައްދަން އުޅޭ ޕާޓީ އުފައްދަން ސޮއި ހޯދަން ބުނި އަދަދު ހަމަކުރެވުނީހެވެ. އޭރު 15 ހާސް މީހުން ކުރި ތާއީދު މިހާރު 10 ހާހުން ދަށުގައި އުޅޭނެ ކަމަށް ގިނަ މީހުން ހިސާބު ޖަހަނީ ނަޝީދުގެ އާޕާޓީއަށް 5000 ސޮއިވެސް ހަމަ ނުކުރެވުނީމައެވެ.

ޔާމީނަށް އޮތް ތާއީދު ކުރިއާއި މިހާރާއި އަޅާކިޔައި މިނާނެ ހިސާބެއް ބަޔަކު ނުޖެހި ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީތަކީ ޔާމީނަށް މިފަހަރު ފުރުސަތު ނެތް ކަމެވެ. މަގުމައްޗަށް ނުކުމެ ކިތަންމެ ބާރަށް ހަޅޭއްލެވިޔަސް މިއީ ބަދަލު އަންނާނެ ކަމެއް ނޫނެވެ. އޮތް ހަމައެކަނި ފުރުސަތަކީ ޔާމީނަކީ ކުށެއްނެތް ސާފު ހުދު ފޮތިކޮޅެއްފަދަ ބޭފުޅެއް ކަމުގައި ނިންމައި ޖުޑިޝަރީގެ ތެރެއިން ހުކުމެއް ނެރުމެވެ.



އަނެއްކޮޅުން ތެލާ ފެނާ އެކުވެގެން އެއް ކެންޑިޑޭޓަކު ނެރެވޭނެ ކަމަށް ބަޔަކު ހިސާބު ޖެހިޔަސް އެއީ ދިމާވާ ހިސާބެއް ނޫނެވެ. އެއީ ކުލަޖެހޭނެ ހުވަފެނެއްވެސް ނޫނެވެ. އެއީ ޕީޕީއެމާއި ނަޝީދުގެ ޕާޓީއަށް އޮތް ޗޮއިސްއެއް ނޫނެވެ. އެހިސާބު އެގޮތަށް ޖަހާނީ މޮޔައިންނެވެ.

މިއީ މިއަދުގެ ހަގީގަތެވެ. އިދިކޮޅުން ހަދާނެ ގޮތެއް ހަދަންވީއެވެ. މާގިނަ ދުވަހެއް ނެތެވެ. ޔާމީނާއި ނަޝީދަކީ މިފަހަރަކު ޗޮއިސްއެއް ނޫނެވެ. އެދެބޭފުޅުންގެ ނަމެއް މިފަހަރަކު ވޯޓުކަރުދާސް ކޮޅަކު ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން