އެމްޑީޕީން ރޭ ބޭއްވި އެއްވުމުގެ ތެރެއިން
އެމްޑީޕީން ރޭ ބޭއްވި އެއްވުމުގެ ތެރެއިން
ރައްޔިތުންގެ ހިޔާލު ހޯދުމަކާ ނުލައި ހުޅުލޭ އެއާޕޯޓު ތަރައްގީކުރުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމަކީ ހެދުނު ގޯހެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ހުޅުލޭގައި އޮތް އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ހިންގަން 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރު ކުންފުންޏަށް ދިނުމަކީ، އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރުގަދަ އިހުތިޖާޖުތަކެއް ކޮށް، 2012 ވަނަ އަހަރު އެ މަނިކުފާނުގެ ވެރިކަން ވެއްޓެން މެދުވެރިވި މައިގަނޑު އެއް ސަބަބެވެ.

ރަސްމާލެ މަޝްރޫއުގައި ސޮއިކުރުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ގޮވާލައި އެމްޑީޕީން ރޭ މާލޭގައި ބޭއްވި "އަހާބަލަ" މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ހުޅުލޭ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން 25 އަހަރަށް ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދިންއިރު އާންމުންގެ ހިޔާލު ނުހޯދީ ކީއްވެގެންތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމަށެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެއީ ގޯހުން ވީ ކަމެއް ކަމަށާއި، މިހާރު ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރަށް ގޮވާލައްވަނީ ވެސް އެ ތަޖުރިބާގެ އަލީގައި ކަމަށެވެ.

"އަޅުގަނޑު މިއަދު މި ބުނަނީ އެއީ ގޯހުންނޭ. އެއީ ގޯހުންނޭ. އެ ތަޖުރިބާގައޭ އަޅުގަނޑު މި ހުރީ މި ތަނަށް އައިސް. އަޅުގަނޑުމެންނަށް އެނގެއޭ ރައްޔިތުން ގާތުގައި ނާހާ ކުރާ ކަމަކުން ކާމިޔާބެއް ނުލިބޭނެ. ކޮންމެ ކަމެއްގެ ފަހަތަށް މުޅި ރާއްޖޭގެ ރައްޔިތުން އެބަ އަންނަންޖެހޭ. އެ ރައްޔިތުންނަށް އެބަ އިނގެންޖެހޭ. އެހެން ފުރުސަތެއް ނުދެވޭނެ. ދިވެހިރާއްޖޭގެ ރައްޔިތުން ކައިރީގައި މި ވާހަކަ އަހާފައި މެނުވީ މި ތަނުގައި މިކަން ސަރުކާރުން ކުރިއަށް ގެންގޮސްގެން ނުވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ފުށިދިއްގަރުފަޅުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، މި ފަހުން ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށަށް ކުރެއްވި ޒިޔާރަތްތަކުން ފެނިވަޑައިގަތީ، ރަށްރަށުން މީހުން ފައިބައިގެން ދިއުމުގެ ސަބަބުން ސްކޫލުތަކުގެ ބައެއް ގްރޭޑުތައް ވެސް ނެތް މަންޒަރު ކަމަށެވެ. އަދި ފުށިދިއްގަރުފަޅު ހިއްކައިގެން ބޮޑު މަޝްރޫއެއް ހިންގުމުން އެ ރަށްތައް އެއްކޮށް ފަޅުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން، ރެސިޑެންސީ ފަދަ ބޮޑެތި މަޝްރޫއުތައް ހިންގަން ރާއްޖޭގެ އުތުރާއި ދެކުނުގައި ޖާގަ އެބައޮތް ކަމަށާއި، ހުރިހާ ކަމެއް މާލެ ސަރަހައްދަށް ޖަމާކޮށްގެން ކުރުމަކީ މުޅި ރާއްޖެ ހަލާކުވެގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މިހާރުގެ ސަރުކާރުގެ އިގުތިސޯދީ ސިޔާސަތު ފެއިލްވެފައިވާ ކަމަށާއި، މިގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ޖާގަ ދެވެން ނެތް ކަމަށެވެ.

ޖީއެމްއާރަށް އެއަރޕޯޓް ދިނުމުގައި ރައްޔިތުންގެ ބަހެއް ނުހޯދުމަކީ ގޯހެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވަނީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފަ އެވެ. އެ މައްސަލަ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ހުށަހެޅުމުން އެ ކުންފުންޏަށް ކާމިޔާބުވެ، ބަދަލުގެ ގޮތުގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ދައުލަތުން ވަނީ 271 މިލިއަން އެމެރިކާ ޑޮލަރު އެ ކުންފުންޏަށް ދައްކައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް