ފެހުރިހި
ފެހުރިހި
ދެކުނު އަރިއަތޮޅު މެރިން ޕްރޮޓެކްޓަޑް އޭރިޔާ (ސަމްޕާ) ސަރަޙައްދަށް ވަންނަ އުޅަނދުފަހަރުގައި ޕްރޮޕެލާ ގާޑު އެޅުވުމުގެ އެންމެ ފަހު މުއްދަތެއްގެ ގޮތުގައި އަންނަ ޑިސެންބަރު މަހުގެ 31 ވަނަ ދުވަސް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ކަނޑައަޅައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ، ސަމްޕާ ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ މެނޭޖްމަންޓް ޕްލޭނުގައިވާ ގޮތުގެ މަތިން ސްނޯކަލިން އާއި ޑައިވިނަށް މީހުން ގެންދާ އުޅަނދުފަހަރުގައި ޕްރޮޕެލާ ގާޑު ހަރުކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، އަންނަ ޑިސެންބަރު 31 ގެ ފަހުން އެ ސަރަހައްދަށް ވަދެވޭނީ ހަމައެކަނި ޖެޓް އިންޖީނުލީ ނުވަތަ ޕްރޮޕެލާ ގާޑު ހަރުކޮށްފައިވާ އުޅަނދުފަހަރަށް އެކަނި ކަމަށް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.

ސަމްޕާ ސަރަހައްދަކީ 2009 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. މިއީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ ރާއްޖޭގައި އެންމެ ގިނައިން ފެހުރިހި ކާނާ ހޯދަން ޖަމާވާ ސަރަހައްދު ކަމަށް ވުމުން، ގިނަ އަދަދެއްގެ ފަތުރުވެރިން އެ ސަރަހައްދަށް ޒިޔާރަތްކުރެއެވެ.

ނަމަވެސް، އެ ސަރަހައްދަށް އުޅަނދުފަހަރު ގޮސް އުޅުމުގެ ތެރޭގައި ފެހުރިއްސަށާއި މޫދަށް އެރިއުޅޭ މީހުންނަށް އުޅަނދުތަކުގެ ބުރަފަތިން އަނިޔާވެ، ނުރައްކާތެރި ހާދިސާތައް ދަނީ ހިނގަމުންނެވެ. މި މައްސަލަ ބޮޑުވުމާ ގުޅިގެން، ބުރަފަތީގައި ގާޑު އެޅުވުން މަޖުބޫރުކުރަން ނިންމައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. އަދި އުޅަނދުތަކުގައި ގާޑު އެޅުވުމަށް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރު ފުރުސަތެއް ވެސް ދީފައިވެއެވެ.

ސަމްޕާ މެނޭޖްމަންޓް ޕްލޭނުގައިވާ ގޮތުން، އެ ސަރަހައްދުގެ މޫދަށް އެންމެ ގިނަވެގެން ވެސް އެއްފަހަރާ ފައިބައިގެން އުޅެވޭނީ 60 މީހުންނަށެވެ. މީގެ އިތުރުން، އެ ސަރަހައްދަށް މީހުން ފައިބައިގެން އުޅެވޭނީ އެންމެ ކައިރީގައި އޮންނަ ހަތަރު އުޅަނދަކުން ކަމަށް ވެސް އެ ޕްލޭނުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް