މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސް
މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސް
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، އައްޑޫ ސިޓީ ހުޅުދޫގައި މިފްކޯގެ އައު މަސްފިހާރައެއް ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ ރާއްޖޭގެ އެކި ހިސާބުތަކަށް މިފްކޯގެ އުފެއްދުންތައް ހެޔޮ އަގުގައި ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ތިންވަނަ މަސްފިހާރަ ކަމަށް މިފްކޯއިން މަޢުލޫމާތު ދީފައިވެއެވެ. މިފްކޯއިން ވަނީ މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ އަދި ފުވައްމުލައް ސިޓީގައި ވެސް މަސްފިހާރަ ހުޅުވާފައެވެ. މީގެ އިތުރުން މާލޭގައި ހިންގާ ދެ ފިހާރައާއި ހުޅުމާލޭގެ ތިން ފިހާރަ ހިމެނޭހެން، ރޭ ހުޅުވި ފިހާރައަކީ މިފްކޯގެ 8 ވަނަ މަސްފިހާރައެވެ.

ރޭ ހުޅުދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސް އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. މި ރަސްމިއްޔާތުގައި ހުޅުދޫ އަދި މީދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިފްކޯގެ ސީ.އީ.އޯ މުޙައްމަދު އަނަސް ވިދާޅުވީ، ހުޅުދޫގައި މިފަދަ ފިހާރައެއް ގާއިމުކުރުމަށް ނިންމީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމަކަށް ވާތީ ކަމަށެވެ. އެގޮތުން ބަނދަރު ސަރަހައްދުގައި ހިންގާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ ރައްޔިތުން ދިރިއުޅޭ އަވަށާ ދުރުގައި އޮންނަ ތަނަކަށް ވުމުން ކުރިމަތިވާ ދަތިތަކަށް މި ފިހާރައިގެ ސަބަބުން ހައްލު ލިބިގެންދާނެ ކަމަށް އަނަސް ފާހަގަކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެން މި އިޖާބަދެނީ ރައްޔިތުންގެ އެ އެދުމަށް. އެގޮތުން، ބަނދަރުގައި ހުރި ފިހާރަ މަސްވެރިންނަށް ޚިދުމަތް ދިނުމަށް ޚާއްސަކޮށް، ރަށުގެ އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މިފްކޯގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މި ހުޅުވުނު ފިހާރައަކީ، ރައްޔިތުންގެ އެދުމަށް ދެވުނު އަމަލީ ޖަވާބެއް ކަމުގައި ދެކެން،" އަނަސް ވިދާޅުވިއެވެ.

ހަމައެއާއެކު، ސީ.އީ.އޯ އަނަސް ވިދާޅުވީ ހަމައެކަނި ފިހާރައެއް ހުޅުވުމަކުން ކުންފުނީގެ މަސައްކަތް ނިމުނީ ނޫން ކަމަށާއި، މިފްކޯގެ އުފެއްދުންތައް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ކަށަވަރުކުރުމަކީ މެނޭޖްމަންޓުގެ މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން އައްޑޫ އަދި ފުވައްމުލަކުގެ ފިހާރަތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށްޓަކައި އައްޑޫގައި 'ލޯކަލް ޕްރޮޑަކްޝަން ހައުސް' އެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން އޭނާ އިއުލާން ކުރެއްވިއެވެ. އަދި މި ޕްރޮޑަކްޝަން ހައުސްގެ ސަބަބުން ސަރަހައްދުގެ އިގްތިސާދަށް ކުރިއެރުން ލިބި، ވަޒީފާގެ އައު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހުޅުދޫއަކީ ހެދިކާ ހެދުން ފަދަ އަމިއްލަ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރާ ރަށަކަށް ވުމުން، އެކަންކަމަށް ބޭނުންވާ މަހުގެ އެކި ބާވަތްތައް މި ފިހާރައިން ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ. އަދި މި ފިހާރައިން ކުންފުނީގެ ހުރިހާ އުފެއްދުމެއް ވެސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މިފްކޯއިން ބުނީ އެކުންފުނިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިހާރަތައް އިތުރުކޮށް ވިޔަފާރި ފުޅާކުރުމާއެކު، އުފެއްދުންތެރިކަން އިތުރުކޮށް، ފެންވަރު ރަނގަޅު ތަކެތި ރައްޔިތުންނަށް މެދުނުކެނޑި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް