ބަރުބަރީ މިސްކިތް-
ބަރުބަރީ މިސްކިތް-
ފާޙިޝް އެންމެހައި ޢަމަލުތަކުން ދުރުހެލިވެ، އެފަދަ ނުބައި ވަބާތަކުން މުޖުތަމަޢު ރައްކާތެރިކުރުމަށް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި، މުޅި އުންމަތަށް ގޮވާލައިފިއެވެ.

"ފާޙިޝް ޢަމަލުތަކާ ދުރުހެލިވާށެވެ!" މި މައުޟޫޢަށް ޚާއްޞަކޮށްގެން މިއަދު ދިން ޚުޠުބާގައި ވަނީ، ސިއްރުގައި ވިޔަސް އަދި ފާޅުގައި ވިޔަސް ފާޙިޝް ކަންކަން ކުރުމަކީ މާތް ﷲ ޙަރާމްކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެއްކަން ހަނދާންކޮށްދީފައެވެ.

ޚުޠުބާގައި ބަޔާންކުރި ގޮތުގައި އިސްލާމްދީނުގައި ފާޙިޝް ކަންކަމަކީ ބަހާއި ޢަމަލުގެ ތެރެއިން އޭގެ ހުތުރުކަމާއި ފާފަ ބޮޑުވެގެންވާ ކޮންމެ ކަމެކެވެ. މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި، ބޭރުފުށުގެ ފާފަތަކާއި އެތެރެފުށުގެ ފާފަތައް ދޫކޮށްލުމަށް އަމުރުކުރައްވާފައިވާކަން ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި މުއުމިނުންގެ ތެރޭގައި ފާޙިޝް ކަންތައްތައް ފެތުރުމަށް ލޯބިކުރާ މީހުންނަށް ދެ ދުނިޔޭގައި ވެސް ގަދަފަދަ ވޭންދެނިވި ޢަޛާބު ހުރިކަމުގެ އިންޒާރު ޚުޠުބާގައި ދީފައިވެއެވެ.

ފާޙިޝް ޢަމަލުތަކުގެ ތެރެއިން ޒިނޭއާއި، ލިވާޠު އަދި ސިޙާޤު ފަދަ މުޑުދާރު ޢަމަލުތަކުގެ ނުރައްކާތެރިކަމަށް އަލިއަޅުއްވާލަމުން، ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް މާތް ﷲ ފޮނުއްވި ބިރުވެރި ޢަޛާބުން ޢިބުރަތް ޙާޞިލުކުރުމަށް މިއަދުގެ ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ. އަދި ބަޔަކު މީހުންގެ ތެރޭގައި ފާޙިޝް ޢަމަލުތައް ޢާންމުވެއްޖެ ނަމަ، އިސްވެދިޔަ ކާބަފައިންގެ ޒަމާނުގައި ފެނިފައިނުވާ ފަދަ ވޭންދެނިވި ބަލިމަޑުކަން ފެތުރިގެންދާނެ ކަމަށް ކައުއިތުރު ރަސޫލާ ޙަދީޘް ކުރަށްވާފައިވާ ބަސްފުޅު ހަނދާންކޮށްދިނެވެ. މިގޮތުން، މިޒަމާނުގައި ފެތުރެމުންދާ އެޗް.އައި.ވީ އާއި އެއިޑްސް ފަދަ ނުރައްކާތެރި ބަލިތަކަކީ މިފަދަ ޢަމަލުތަކުގެ ސަބަބުން، ޚާއްޞަކޮށް އެއްޖިންސުން ގުޅުން ހިންގުމުގެ ސަބަބުން ފެތުރޭ ބަލިތައްކަން ފާހަގަކުރިއެވެ.

މީގެއިތުރުން، އިންސާނާގެ ޣަރީޒާތައް ފުއްދުމަށްޓަކައި އިސްލާމްދީން ދައްކާފައިވާ ޝަރުޢީ މަގަކީ ކައިވެނިކަން ފާހަގަކޮށް، ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ ޒުވާނުން ރޯދަހިފުމަށް ބާރުއެޅިއެވެ. އަދި ތަނަވަސްކަން ހުރި މީހުން، ޒުވާނުންނަށް ކައިވެނި ކުރުމުގެ މަގު ފަހިކޮށްދިނުމަށް އެހީތެރިވުމަށް ވެސް ގޮވާލިއެވެ.

ޚުޠުބާ ނިންމާލަމުން، މިއަދުގެ ދުނިޔޭގައި އެކި މަންސަތަކުގައި ވިޔަފާރީގެ އުޞޫލުން ފާޅުގައި ފާޙިޝު ޢަމަލުތައް އިޝްތިހާރު ކުރަމުންދާ ދިއުމާމެދު ކަންބޮޑުވުން ފާޅުކުރިއެވެ. އަދި ރާއްޖެ މިފަދަ ނުރައްކާތެރި ވަބާއަކުންނާއި ޞިއްޙީ ބޮޑު ކާރިޘާއަކުން ސަލާމަތްކުރުމަށްޓަކައި، ބެލެނިވެރިންނާއި، މުދައްރިސުންނާއި އަދި ދަޢުލަތުގެ އެކިއެކި މުއައްސަސާތަކުގެ މަސްއޫލުވެރިން ގުޅިގެން ވަގުތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އެހެންކަމުން، ދުނިޔޭގެ ވަގުތީ އަރާމަށް ހެއްލުމެއްނެތި، ﷲގެ ފޮތާއި ރަސޫލާ zގެ ސުންނަތުގައި ސާބިތުވެ ތިބުމަށް ހުރިހާ މުސްލިމުންނަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް