މިފްކޯގެ 33 ވަނަ އަހަރީ ޙަފްލާގެ ތެރެއިން-
މިފްކޯގެ 33 ވަނަ އަހަރީ ޙަފްލާގެ ތެރެއިން-
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މުހިންމު ޚިދުމަތްތައް ޑިޖިޓަލްކޮށް އެއް ޕްލެޓްފޯމަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އެ ކުންފުނީގެ އައު އޮންލައިން ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާޙު ކޮށްފައިވަނީ މިފްކޯގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައެވެ.

މިފްކޯއިން ބުނީ، މި އައު ޕޯޓަލަކީ އެ ކުންފުންޏާ ގުޅުންހުރި ވިޔަފާރި ޕާޓްނަރުންނާއި، ވަޒީފާއަށް އެދޭ ފަރާތްތަކުގެ އިތުރުން ވެންޑަރުންނަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ޒަމާނީ، މަރުކަޒީ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށެވެ. މި ޕޯޓަލްގެ ސަބަބުން މިފްކޯއިން ފޯރުކޮށްދޭ މުހިންމު ޚިދުމަތްތައް ހޯދުމުގައި ލުއިފަސޭހަ އަދި އަވަސް މަގެއް ފަހިވެގެންދާނެ ކަމަށް މިފްކޯއިން މަޢުލޫމާތު ދީފައިވެއެވެ.

މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި މިފްކޯގެ މަސްފިހާރައިގެ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފަސޭހަކަމާއެކު ރަޖިސްޓްރީވުމުގެ ފުރުޞަތާއި، ކުންފުނީގެ ހުރި ވަޒީފާތަކަށް ކުރިމަތިލުމާއި، ވަޒީފާއާ ގުޅޭ މަޢުލޫމާތު ހޯދުމާއި، ޕްރޮކިއުމަންޓާއި ޓެންޑަރުތަކުގައި ބައިވެރިވާން އެދޭ ވިޔަފާރިތަކާއި ސަޕްލަޔަރުންނަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ފަހިވުން ހިމެނޭ ކަމަށެވެ.

އޭގެއިތުރުން މިފްކޯއިން ބުނީ، ކުންފުނީގެ އެތެރޭގެ ހިންގުމާއި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ދެވޭ އިތުރު ޚިދުމަތްތައް ވެސް މި ޕޯޓަލްގެ ތެރެއިން ތަޢާރަފުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށެވެ. އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ކުންފުނީގެ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ފުރިހަމަ ކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު