މަސްވެރިން-
މަސްވެރިން-
މިއަހަރުގެ މިހާތަނަށް ދިވެހި މަސްވެރިން ކިރުވި މަހަށް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން 342 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މި މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށް ޖުމްލަ 18،366 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. އަދި މި މަހަށްވާ ޖުމްލަ 342،751،748 (ތިންސަތޭކަ ސާޅީސް ދެ މިލިއަން ހަތްލައްކަ ފަންސާސް އެއްހާސް ހަތްސަތޭކަ ސާޅީސް އަށެއް) ރުފިޔާ މިހާރު ވަނީ މަސްވެރިންނަށް އެއްކޮށް ޚަލާޞްކޮށްދީފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މި މުއްދަތުގައި އެންމެ ގިނައިން ކިރުވާފައިވަނީ ކަނޑުމަހެވެ. އެގޮތުން 17،540 ޓަނުގެ ކަނޑުމަސް ކިރުވާފައިވާއިރު، އެ މަހަށްވާ 326.2 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ވަނީ ހަވާލުކޮށްފައެވެ. މީގެއިތުރުން، 826 ޓަނުގެ ރީނދޫ އުރަހަ ކަންނެލި ކިރުވައި، ކަންނެލި މަސްވެރިންނަށް ވަނީ 16.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ.

ފާއިތުވި އަހަރުތަކުގައި މަސްވެރިން ބާނާ މަހަށް ލިބެންޖެހޭ ފައިސާ ނުލިބި، ގިނަ ދުވަސްތަކެއް ވަންދެން މަސްވެރިން ކުރަންޖެހުނު އިންތިޒާރާއި ތަހައްމަލުކުރަން ޖެހުނު ތަކުލީފުތަކަށް މިހާރު ވަނީ ބޮޑު ހައްލެއް ގެނެސްދީފައެވެ. މިގޮތުން، މިހާރު މަސް ކިރުވާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްދެމުން އަންނައިރު، މަސް ގަންނަ އަގުތަކަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްދީފައެވެ. މީގެއިތުރުން، މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ކުރިމަތިވާ މާލީ ބުރަ ކުޑަކުރުމުގެ ގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސޭހަކަމާއެކު ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން މިހާރު ދަނީ އަމަލީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ އެއް ދާއިރާއަކީ ދިވެހިންގެ ލޭނާރާ ގުޅިފައިވާ މަސްވެރިކަމުގެ ސިނާޢަތެވެ. ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ޒަމާނީ ވަސީލަތްތަކާއެކު މި ސިނާޢަތް އިތުރަށް ފުޅާކޮށް، ދިވެހިރާއްޖޭގެ ޤައުމީ އިޤްތިޞާދަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދޭ ވަރުގަދަ މައި ތަނބަކަށް މަސްވެރިކަމުގެ ދާއިރާ ހެދުމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް