އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ސަރަޙައްދީ އެންމެ ނަތީޖާ ނެރޭ ލީޑަރުންގެ ތެރޭގައި މޯދީ ކުރީ ސަފަށް، އިންޑިއާއިން އޭޝިއާގެ ތިންވަނަ ބާރުގެ މަޤާމު ދަމަހައްޓައިފި

ލޯވީ އިންސްޓިޓިއުޓުން އެކުލަވައިލި 'އޭޝިއާ ޕަވަރ އިންޑެކްސް 2026' ގައި، އޭޝިއާ ސަރަޙައްދުގެ އެންމެ ނުފޫޒުގަދަ ތިންވަނަ ޤައުމުގެ މަޤާމު އިންޑިއާއިން ދަމަހައްޓައިފިއެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސަރަޙައްދުގެ "ބޮޑު ބާރެއް"ގެ ގޮތުގައި އިންޑިއާ ސާބިތުވެފައިވާއިރު، ޗައިނާގެ ރައީސް ޝީ ޖިންޕިންގްއަށް ފަހު ސަރަޙައްދީ ފެންވަރުގައި އެންމެ ކާމިޔާބު އަދި ނަތީޖާ ނެރެދޭ ލީޑަރަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.

މި އިންޑެކްސްގައި އިންޑިއާއިން ހޯދި ސްކޯ 0.5 ޕޮއިންޓުގެ ކުރިއެރުމަކާއެކު 40.5 އަށް އަރާފައިވާއިރު، މިއީ 2018 ވަނަ އަހަރު މި ދިރާސާ ޝާއިޢުކުރަން ފެށިފަހުން، ޗައިނާއާއި އިންޑިއާއާ ދެމެދު އޮތް ފަރަގު މިހާ ބޮޑަށް ކުޑަވި ފުރަތަމަ ފަހަރެވެ.

މުޅި އޭޝިއާގެ އެންމެ ބާރުގަދަ ދެ ސުޕަރޕަވަރުގެ މަޤާމުގައި އަދިވެސް އޮތީ އެމެރިކާއާއި ޗައިނާއެވެ. އެގޮތުން 100 ޕޮއިންޓުގެ ތެރެއިން އެމެރިކާއަށް 78.9 ޕޮއިންޓް ލިބިފައިވާއިރު، ޗައިނާއަށް ލިބިފައިވަނީ 73.6 ޕޮއިންޓެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކަށް ބްރަހްމޯސް މިސައިލް ފޯރުކޮށްދިނުމާއި، ދިފާޢީ ގުޅުންތައް ބަދަހިކުރުމުގެ ސަބަބުން ސަރަޙައްދުގައި އިންޑިއާގެ ނުފޫޒު ވަނީ އިތުރަށް ވަރުގަދަވެފައެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެހެން ޤައުމުތަކުގެ އިޤްތިޞާދީ ގުޅުންތަކަށް ހީނަރުކަން އައި ދަނޑިވަޅެއްގައިވެސް، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އިންޑިއާއިން ވަނީ ހަރުދަނާ ދެމެހެއްޓެނިވި ގުޅުންތަކެއް ޤާއިމުކޮށްފައެވެ.

މި އަހަރު އިންޑިއާއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ސަޤާފީ ނުފޫޒުގެ ދާއިރާއިންނެވެ؛ އެ ދާއިރާއިން 2.3 ޕޮއިންޓުގެ ކުރިއެރުމެއް ވަނީ ރެކޯޑުކުރެވިފައެވެ. މީގެއިތުރުން ދިފާޢީ ވިއުގަތަކުން 2.1 ޕޮއިންޓް، މުސްތަޤްބަލުގެ ވަސީލަތްތަކުން 1.2 ޕޮއިންޓް އަދި ޢަސްކަރީ ޤާބިލުކަމުން 0.5 ޕޮއިންޓް އިތުރުވި ނަމަވެސް، އިޤްތިޞާދީ ޤާބިލުކަމުގެ ސްކޯ ވަނީ 0.7 ޕޮއިންޓް ދަށަށް ގޮސްފައެވެ.

ޖުމްލަ 27 ޤައުމަކާއި ސަރަޙައްދެއްގެ 131 މިންގަނޑަކަށް ބަލައިގެން އެކުލަވައިލި މި އިންޑެކްސްގައި، އިންޑިއާއަށް އިޤްތިޞާދީ ޤާބިލުކަމުން 26.4، ސަޤާފީ ނުފޫޒުން 43.8 އަދި ޑިޕްލޮމެޓިކް ނުފޫޒުން 70.3 ޕޮއިންޓް ލިބިފައިވެއެވެ.

ހަމައެއާއެކު، އެމެރިކާއާއި ޗައިނާގެ ބާރުގެ ފަރަގު 5.3 ޕޮއިންޓަށް ކުޑަވެފައިވާއިރު، އެމެރިކާގެ ޑިޕްލޮމެޓިކް ނުފޫޒުގެ ސްކޯ 76.7 އަށް (ހަ ޕޮއިންޓް) ދަށަށް ގޮސްފައިވަނީ އީރާނާ ގުޅޭ ހަމަނުޖެހުންތަކާއި ޓެރިފްގެ މައްސަލަތަކުގެ ސަބަބުން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، ސަރަޙައްދުގެ ބާރުގެ ހަމަހަމަކަން އަދިވެސް ބިނާވެފައިވަނީ މި ދެބާރުގެ މައްޗަށް ކަމަށް އޭޝިއާ ޕަވަރ އިންޑެކްސްގެ ޑިރެކްޓަރު ހަންޓަރ މާސްޓަން ވިދާޅުވިއެވެ.

އިންޑިއާއިން މި ހޯދި ކުރިއެރުމާ ގުޅިގެން ޔޫނިއަން މިނިސްޓަރު ކިރެން ރިޖިޖޫ ވިދާޅުވީ، ބޮޑުވަޒީރު މޯދީގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން ޤައުމަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. މީގެ 12 އަހަރު ކުރިން ބައިނަލްއަޤްވާމީ ރޭންކިންގތަކުގައި އިންޑިއާ އޮތީ ވަރަށް ފަހަތުގައި ނަމަވެސް، މިއަދު އިޤްތިޞާދީ، ޢަސްކަރީ އަދި މާލީ ދާއިރާތަކުން ދުނިޔޭގެ އިތުބާރު ހޯދައި، މަތީ ވަނަތައް ޙާޞިލުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރިޖިޖޫ އިތުރަށް ވިދާޅުވީ، ސިޔާސީ ގޮތުން ޚިޔާލު ފާޅުކުރުމުގެ ޙައްޤު އޮތް ނަމަވެސް، ޤައުމު ހޯދަމުންދާ ޙަޤީޤީ ކުރިއެރުންތައް އެންމެންވެސް ބަލައިގަންނަން ޖެހޭނެ ކަމަށާއި، އިންޑިއާ މިހާރު ވަނީ ތަރައްޤީގެ އާ އުސްމިންތަކަކަށް ވާސިލުވެފައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް