ސ. ފޭދޫ ބްލޫސްޓާރ ގޭގައި ރޯވެ ގެއްލުންތައް ލިބިފައި-
ސ. ފޭދޫ ބްލޫސްޓާރ ގޭގައި ރޯވެ ގެއްލުންތައް ލިބިފައި-
އައްޑޫ ސިޓީ ގެއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ، އަލިފާނުގެ މި ހާދިސާ ހިނގީ ސ. ފޭދޫ "ބްލޫސްޓާރ" ގޭގައި ކަމަށެވެ. އެ އޮތޯރިޓީން ބުނި ގޮތުގައި، މި ހާދިސާ މެދުވެރިވީ އެ ގޭގެ ކަރަންޓު ބޯޑެއް ޝޯޓްވެގެން ކަމަށް ބެލެވެއެވެ.

މި ހާދިސާއާ ގުޅިގެން އެ ގޭގައި ދިރިއުޅުނު ޢާއިލާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އެންޑީއެމްއޭއިން މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް، އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އެންޑީއެމްއޭއިން އަދި ހާމައެއް ނުކުރެއެވެ.

އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ، އެ ގޭގައި ދިރިއުޅުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް މޭޔަރު ނުދެއްވައެވެ.

ކަރަންޓު ޝޯޓެއް ވެގެން އައްޑޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު، އިއްޔެ މާލޭގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާ ވެސް މެދުވެރިވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް ބެލެވޭ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ބުނެފައެވެ. މާލޭގެ އެ ގޭގައި ހިނގި ހާދިސާގައި ހަތަރު ފަންގިފިލާއަކަށް ގެއްލުން ލިބި، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު