ކާރިސާތަކުން ރައްކާތެރިވުމުގެ ސަރަޙައްދީ ބައްދަލުވުމެއްގައި އެންޑީއެމްއޭއިން ބައިވެރިވެއްޖެ، ފޮޓޯ: އެންޑީއެމްއޭ
ކާރިސާތަކުން ރައްކާތެރިވުމުގެ ސަރަޙައްދީ ބައްދަލުވުމެއްގައި އެންޑީއެމްއޭއިން ބައިވެރިވެއްޖެ، ފޮޓޯ: އެންޑީއެމްއޭ
ކާރިސާތަކާއި މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ސަރަޙައްދީ ފެންވަރުގައި ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބައިވެރިވެއްޖެއެވެ.

ތައިލެންޑުގެ ބެންކޮކުގައި މި މަހުގެ 17 އިން 19 އަށް ކުރިއަށްދިޔަ "އޭޝިއާ-ޕެސިފިކް ޑައިލޮގް ޕްލެޓްފޯމް އޮން އެންޓިސިޕޭޓަރީ އެކްޝަން" ގައި އެންޑީއެމްއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ އޮތޯރިޓީގެ ޑިރެކްޓަރ އޮފް ޑިޒާސްޓަރ އެންޑް ކްލައިމެޓް ރެޒިލިއަންސް، ޙަސަން ޒިޔާއު އެވެ.

މި ބައްދަލުވުމުގެ ތެރެއިން، މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އާ ގުޅިގެން އެންޑީއެމްއޭއިން ވަނީ "އިގްނައިޓް ސެޝަން" އެއް ހުށަހަޅައިދީފައެވެ. މި ސެޝަންގައި، ކާރިސާއެއް ހިނގުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނުވަތަ "އެންޓިސިޕޭޓަރީ އެކްޝަން" މުއައްސަސާތަކުގެ ނިޒާމުގެ ތެރެއަށް ވެއްދުމަށްޓަކައި ޤާނޫނުތަކާއި ސިޔާސަތުތަކުގެ ތެރެއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ވަނީ ހިއްސާކޮށްފައެވެ. އަދި މުޖުތަމަޢުގެ ފެންވަރުގައި ވިލުންތެރިކަން ބިނާކުރުމަށް ހިންގާ "ކޮމިއުނިޓީ ބޭސްޑް ރެޒިލިއަންސް ބިލްޑިންގ" (ސީބީއާރްބީ) ޕްރޮގްރާމާ ގުޅޭގޮތުން ވެސް މި ސެޝަންގައި މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން، އެ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދިޔަ "ރީޖަނަލް މާކެޓްޕްލޭސް" ގައި ރާއްޖޭގައި ވިލުންތެރިކަން އިތުރުކުރުމަށް އެންޑީއެމްއޭ އިން ކުރަމުންދާ މަސައްކަތްތައް ދައްކާލައި، އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އެކި ޤައުމުތަކުގެ ބައިވެރިންނާ އެކު ތަޖުރިބާއާއި މަޢުލޫމާތު ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަކުރެއެވެ.

މިފަދަ ބައްދަލުވުންތަކުގެ ސަބަބުން މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމަށާއި، ދުރާލާ ފިޔަވަޅު އެޅުމުގެ ޤާބިލުކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު