ޅައިމަގަށް އެރި ނަގޫރޯޅީގައި ލިބުނު ގެއްލުންތައް، ފޮޓޯ: ފޭސްބުކް
ޅައިމަގަށް އެރި ނަގޫރޯޅީގައި ލިބުނު ގެއްލުންތައް، ފޮޓޯ: ފޭސްބުކް
ށ. ޅައިމަގަށް އެރި ބާރުގަދަ ނަގޫރޯޅިއެއްގެ ސަބަބުން އެ ރަށުގެ ބައެއް ގޭގޭގެ ފުރާޅު އެއްލާލައި، ގުދަންތަކަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ށ. ޅައިމަގަށް އެރި ނަގޫރޯޅީގެ ސަބަބުން އެ ރަށުގެ 4 ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން، ވައިގަދަވެ ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި، އެ މީހާއަށް ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށްވެސް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.

ނަގޫރޯޅި އެރުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ތަފްސީލު ހޯދުމަށާއި، ހާލަތު ވަޒަންކުރުމުގެ މަސައްކަތް ޅައިމަގު ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލާއި ކަމާބެހޭ އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަ ދުވަސްވަރަކަށް ވާތީ، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު