ހިންނަވަރުގައި ފެންބޮޑުވެފައި، ފޮޓޯ: އެންޑީއެމްއޭ
ހިންނަވަރުގައި ފެންބޮޑުވެފައި، ފޮޓޯ: އެންޑީއެމްއޭ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ހިންނަވަރަށް ބޯކޮށް ވާރޭވެހި، މުޅި ރަށުގައި ފެންބޮޑުވެ ގެތަކަށް ފެންވަންނަމުންދާތީ ފެންހިއްކުމުގެ މަސައްކަތަށް ސިފައިންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ، ހިންނަވަރަށް ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑުވެފައިވާއިރު، ބައެއް ގެތަކަށް ފެންވަންނަމުންދާ ކަމަށެވެ. އަދި ފެންވަންނަ ގެތަކުގައި ވެލިބަސްތާ ޖެހުމާއި، ކައުންސިލްގެ އިސްނެގުމުގެ ދަށުން ޕަންޕެއްގެ އެހީގައި ފެންހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

އެންޑީއެމްއޭ އިން އިތުރަށް ބުނީ، ހިންނަވަރުގައި މަސައްކަތްކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޕަންޕުތައް ވެސް ހަލާކުވެފައި ހުރުމާއެކު، ފެންހިއްކުމުގެ ކަންކަމުގައި އެމްއެންޑީއެފްގެ އެހީތެރިކަމަށް މިހާރު އެދިފައިވާ ކަމަށެވެ.

މި ވިއްސާރައިގައި ހިންނަވަރުގެ އިތުރުން ދެން އެންމެ ބޮޑަށް ގެއްލުންވެފައިވަނީ ކ. ގުރައިދޫއަށެވެ. އެންޑީއެމްއޭއިން ބުނި ގޮތުގައި ގުރައިދޫއަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެ، ގެތަކަށް ފެންވަންނަ ހިސާބަށް ފެންގަނޑު ވަނީ އުފުލިފައެވެ.

އަދި ގުރައިދޫ ކައުންސިލްގެ ދެ ޕަންޕުވެސް ހަލާކުވެފައި ހުރުމުގެ ސަބަބުން ފެންހިއްކުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވި ނަމަވެސް، މިހާރު އެ ރަށަށް ވާރޭ ވެހުން ހުއްޓާލާފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެފައިވާއިރު، މޫސުމާ ބެހޭ އިދާރާތަކުންނާއި ކަމާބެހޭ ފަރާތްތަކުން ދަނީ ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އިލްތިމާސްކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު