އެމްޓީސީސީ
އެމްޓީސީސީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 25 ބުރީގެ ބޯހިޔާވަހިކަމުގެ ޓަވަރެއް އަޅައިދޭނެ ބަޔަކު ހޯދަން އެ ކުންފުނިން އިއުލާންކޮށްފިއެވެ.

އެމްޓީސީސީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، މި މަޝްރޫއަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއެކެވެ. އެހެންކަމުން، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ހުޅުމާލެ 2 ވަނަ ފިޔަވަހީގެ 12،000 އަކަފޫޓުގެ ބިމެއްގައި ބިނާކުރާ މި ބިޔަ އިމާރާތުގެ އެންމެ ތިރި ނުވަތަ ގްރައުންޑް ފްލޯ ހާއްސަކުރުމަށް ހަމަޖެހިފައިވަނީ އެކި ކަހަލަ ވިޔަފާރިތަކަށެވެ. އަދި ދެވަނަ ފަންގިފިލާއިން ފެށިގެން 25 ވަނަ ފަންގިފިލާއާ ހަމައަށް ހުންނާނީ މުވައްޒަފުން ދިރިއުޅުމަށް ދޫކުރާ ހައުސިން ޔުނިޓުތަކެވެ.

މުވައްޒަފުންނަށް ހާއްސަ ފްލެޓުތަކުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ މިދިޔަ އޮގަސްޓު މަހު ވަނީ ވިދާޅުވެފައެވެ.

އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 2017 ވަނަ އަހަރު ވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި 15 ބުރީގެ ދެ ޓަވަރު އެޅުމުގެ މަޝްރޫއެއް ފެށިއެވެ. ނަމަވެސް، އެ މަޝްރޫއުގެ ބިޑިން މަރުހަލާގައި އިވެލުއޭޝަން މިންގަނޑުތަކާ ހިލާފަށް ބޭރުގެ ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ބަލަން ފެށުމާ ގުޅިގެން އެ މަސައްކަތް އޮތީ ހުއްޓިފައެވެ.

މި މައްސަލައާ ގުޅިގެން އެމްޓީސީސީގެ އޭރުގެ ސީއީއޯ ހަސަން ޝާހާއި އެ ކުންފުނީގެ ކުރީގެ ބައެއް އިސް ވެރިންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފައެވެ. އަދި އެ މައްސަލައިގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުންތައް މިހާރު ވެސް ދަނީ ކުރިއަށެވެ.



ކިޔުންތެރިންގެ ހިޔާލު