ފޮޓޯ: ޑެއިލީނިއުސް - ލަންކާ
ފޮޓޯ: ޑެއިލީނިއުސް - ލަންކާ
ރާއްޖޭގެ އިރުއުތުރުން، ސްރީލަންކާގެ ދެކުނުގެ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން، އެ ޤައުމުގެ މަސްވެރިކަންކުރާ ބޯޓެއް ހުއްޓުވައި، 101 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ފަސް ފަޅުވެރިން ސްރީލަންކާގެ ނޭވީން ހައްޔަރު ކޮށްފިއެވެ.

ލަންކާގެ ނޭވީއާއި ޙަވާލާދީ ޑެއިލީނިއުސްގައި ރިޕޯޓް ކޮށްފައިވަނީ، މަސްތުވާތަކެތި އަޅާފައި ހުރި ހަ ގޯންޏާއެކު މި ބޯޓާއި ތުހުމަތުކުރެވޭ މީހުން މިމަހުގެ 13 ވަނަ ދުވަހު ވަނީ އިތުރު ތަޙުޤީޤަށާއި ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ގައްލޭ ބަނދަރަށް ގެންގޮސްފައި ކަމަށެވެ.

ސްރީލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯއިން މިބޯޓު ބަލަ އިފާސްކޮށްފައިވާއިރު، 52 ޕެކެޓުގައި ބަންދުކޮށްފައި ހުރި ގާތްގަނޑަކަށް 58 ކިލޯ އަދި 736 ގްރާމްގެ ހެރޮއިން އާއި، 50 ޕެކެޓުގައި ބަންދުކޮށްފައި ހުރި ގާތްގަނޑަކަށް 43 ކިލޯ އަދި 134 ގްރާމްގެ މެތަމްފެޓަމިންވަނީ ފެނިފައެވެ. މި ތަކެތީގެ މަގުމަތީގެ އަގު 1.5 ބިލިއަން ލަންކާ ރުޕީސްއަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންނާއި، އަތުލައިގަނެވުނު މަސްތުވާތަކެތި އަދި ބޯޓު މިހާރު ވަނީ އިތުރު ޤާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި ޕީއެންބީއާ ޙަވާލުކޮށްފައި ކަމަށް އެނޫހުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ލަންކާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ވިދާޅުވީ، ޤައުމީ ސަލާމަތް ރައްކާތެރިކުރުމުގެ އިތުރުން، 'އަ ނޭޝަން ޔުނައިޓެޑް'ގެ ދަށުން މަސްތުވާތަކެތި އެތެރެކުރުމުގެ ވިއުގަތައް ހުއްޓުވުމަށް ސްރީލަންކާ ނޭވީން ކަނޑުގެ ސަރަޙައްދުގައި ވަރުގަދަ އޮޕަރޭޝަންތަކެއް މެދުކެނޑުމެއްނެތި ހިންގަމުންދާ ކަމަށެވެ. އަދި މި ޝިޕްމަންޓް އަތުލައިގަނެވުނީ ކަނޑުމަތީގައި ނޭވީން ކުރިއަށްގެންދިޔަ ޚާއްޞަ ފާރަލުމުގެ އޮޕަރޭޝަނެއްގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން މަސްތުވާތަކެތީގެ ވަބާގެ ސަބަބުން ލަންކާގެ އިޤްތިޞާދަށާއި، އިޖުތިމާޢީ ތަރައްޤީއަށާއި، ޒުވާނުންނާއި ސްކޫލް ކުދިންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ޑެޕިއުޓީ މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ނޭވީގެ އިތުރުން ކޯސްޓްގާޑާއި، ސިފައިންނާއި، ފުލުހުންނާއި، ޕީއެންބީ އަދި ސްޕެޝަލް ޓާސްކް ފޯސް ގުޅިގެން، އެތެރެއާއި ބޭރުގެ އިދާރާތަކާ މަޢުލޫމާތު ޙިއްޞާކޮށް، އެއްގަމާއި ކަނޑުމަގުން ހިންގާ އޮޕަރޭޝަންތައް ވަރުގަދަކޮށްފައިވާ ކަމަށާއި، މަސްތުވާތަކެތި އެތެރެވާ ހުރިހާ މަގުތަކެއް ބަންދުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް