ކޮޕް31 އަށް އޮސްޓްރޭލިއާއިން ކަނޑައަޅާފައުވާ މަންދޫބުންނާ މިނިސްޓަރ ބައްދަލުކުރެއްވުން، ފޮޓޯ: މިނިސްޓްރީ
ކޮޕް31 އަށް އޮސްޓްރޭލިއާއިން ކަނޑައަޅާފައުވާ މަންދޫބުންނާ މިނިސްޓަރ ބައްދަލުކުރެއްވުން، ފޮޓޯ: މިނިސްޓްރީ
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ދެއްވައިފިއެވެ.

ވަޒީރު މި ޔަގީންކަން ދެއްވީ ކޮޕް 31 އަށް އޮސްޓްރޭލިއާ އިން ކަނޑައަޅާފައިވާ ހާއްސަ މަންދޫބު އޮނަރަބަލް އިނިއާ ސެރުއިރާތު އާއެކު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ކޮޕް 31 ގެ އޯޝަންސް އެންޑް ޕެސިފިކްގެ ޖެނެރަލް މެނޭޖަރު މިސް ލުއާނާ ކޯމެކް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކޮށް، ވިލުންތެރިކަން އިތުރުކުރުމަށްޓަކައި އެކުލަވާލާފައިވާ 'މިޓިގޭޝަން ވޯކް ޕްރޮގްރާމް' ގެ ތެރެއިން މޫސުމީ މާލީ އެހީތެރިކަން (ކްލައިމެޓް ފައިނޭންސް) ހޯދުމުގެ މަގުތައް ފަހިކުރުމާ ގުޅޭގޮތުން ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި މި ދާއިރާއަށް އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ 'ސިޑްސް' ގެ ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމުކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މި ބައްދަލުވުމުގައި އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ބައިނަލްއަގުވާމީ މައިދާނުގައި އެކުގައި ވަކާލާތުކޮށް، އެދެވޭ ހެޔޮ ނަތީޖާއެއް ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމަށް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.

މި ބައްދަލުކުރެއްވުމަކީ ކުރިއަށް އޮތް ކޮޕް ސަމިޓަށް ތައްޔާރުވުމުގެ ގޮތުންނާއި، މޫސުމީ ކަންކަމުގައި ދުނިޔޭގެ އެކި ގައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސޫދުގައި ބޭއްވުނު މުހިންމު ބައްދަލުކުރެއްވުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް