ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރެޓިކް ޙަޔާތުގައި ރާއްޖޭގައި މިހާތަނަށް އުފެދުނު ހުރިހާ ސަރުކާރެއްވެސް އުފެދުނީ ޢަދާލަތު ޕާޓީގެ ބައިވެރިވުމާއި ދައުރާއެކުކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމްމިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ޢަދާލަތު ޕާޓީ އުފެދުނުތާ 18އަހަރު ފުރުން ފާހަގަކުރުމުގެގޮތުން ދެއްވި ޚިޠާބުގައެވެ. އިމްރާން ވިދާޅުވީ މިވޭތުވެދިޔަ 18 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ އިސްލާޙީ މަސައްކަތުގައި އަދާލަތުޕާޓީން ވާނީ މުހިންމު ދައުރެއް އަދާކޮށްފައިކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ހަރުދަނާކުރުމަށް ކުރި މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ. އިސްލާމީ ހޭލުންތެރިކަމުގެ މަސައްކަތަކީ ޢަދާލަތު ޕާޓީން އެންމެ ބުރަކޮށް ކޮށްފައިވާ އެއް މަސައްކަތްކަމަށް އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ވޭތުވެދިޔަ 18 އަހަރުގެތެރޭގައި ޢަދާލަތުޕާޓީގެ ދީނީ އިލްމުވެރިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ދީނީ މަޢުލޫމާތު ފަތުރުއްވައި ދީނީގޮތުން މީހުން ހޭލުންތެރިކުރުވަން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. މިއީ ވޭވުތެވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް އައިސްފައިވާ ހެޔޮ ބަދަލުތައް އައުމަށް މެދުވެރިވި މުހިންމު މަސައްކަތެއްގެގޮތުގައި އިމްރަން ސިފަކުރެއްވިއެވެ.

ޢަދާލަތުޕާޓީ މިހާހިސާބަށް އައީ ވަރަށްގިނަ ދަތިތަކާއި އުނދަގޫތައް ތަޙައްމަލު ކުރުމަށްފަހުކަމަށާ، އަދާލަތު ޕާޓީއާއެކު އުފެދުނު ގިނަ ޕާޓީތައް އުވި ވުޖޫދުން ގެއްލިގެން ދިޔައިރުވެސް ޢަދާލަތު ޕާޓީ މިހާތަނަށް ދެމިއޮތުމުގެ ސިއްރަކީ ޕާޓީގެ ސާބިތުކަމާއި ހިތްވަރުކަމަށް އިމްރާން ވިދާޅުވިއެވެ.

ޢަދާލަތު ޕާޓީގެ އެންމެބޮޑު އަމާޒަކީ ރާއްޖޭގައި ޢަދުލުވެރި ނިޒާމެއް ޤާއިމުކުރުންކަމަށް އިމްރާން ވިދާޅުވިއެވެ. އެނިޒާމު ފުރިހަމަކުރުމަށް އަދިވެސް ކުރަންޖެހޭ ގިނަގުނަ މަސައްކަތްތައް އެބަހުރިކަމަށާ، އެކަމަށްޓަކައި މަސައްކަތްކުރުމުގައި ޢަދާލަތުޕާޓީ ދެމިއޮންނާނެކަމަށް އިމްރާން ވިދާޅުވިއެވެ.

ޢަދާލަތު ޕާޓީ ރަޖިސްޓްރީ ކުރީ 18 އޮގަސްޓު 2005ގައެވެ. "ޢަދާލަތު ޕާޓީ" އަކީ ދިވެހިރާއްޖޭގައި ފަނޑުވަމުންދާ އިސްލާމީ ޘަޤާފަތާއި، ޙަޟާރަތު ދެމެހެއްޓުމަށްޓަކައި، އަދި އަޅުގަނޑުމެންގެ ތެރޭގައި ދީނީ ރޫޙް އާލާކުރުމުގެގޮތުން ޢަމަލީ ސިފައެއްގައި މަސައްކަތްކޮށް، ފިތުނަފަސާދައާއި، ލާދީނީ އޮއިވަރުތަކުން ދިވެހި މުޖްތަމަޢު ސަލާމަތްކުރުމަށް މަސައްކަތްކުރުމަށާއި، އިޤްތިޞާދީ ފުދުންތެރިކަން ޢަދުލުވެރިގޮތުގައި ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމުގެ ބޭނުމުގައި އުފައްދާފައިވާ ޕާޓީއެއްކަމަށް އެޕާޓީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން