ޝައިޚް ޙަސަން ލަތީފް މޫސާ
ޝައިޚް ޙަސަން ލަތީފް މޫސާ
ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތުންނާއި ޢަދާލަތު ޕާޓީގެ އެތެރޭގައި ހިނގަމުންދާ ކަންކަމާމެދު ކަންބޮޑުވުން ފާޅުކުރަށްވައި، ޝައިޚް ޙަސަން ލަތީފް މޫސާ އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

ޝައިޚް ލަތީފް މިއަދު މީސްމީޑިއާގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަޙު ހުރި ގޮތުންނާއި ޢަދާލަތު ޕާޓީގެ އެތެރޭގައި މިހާރު ހިނގަމުންދާ ބައެއް ކަންކަމާމެދު ނިހާޔަތަށް ކަންބޮޑުވާތީ، ރޭގެ ވަގުތެއްގައި ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށެވެ.

ޝައިޚް ލަތީފް ޢަދާލަތު ޕާޓީން ވަކިވެވަޑައިގެންފައި މިވަނީ، މިހާރުގެ ސަރުކާރާ ގުޅި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދު ކުރުމަށް އެ ޕާޓީން ނިންމައި، ކޯލިޝަން އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައި ވަނިކޮށެވެ. ސަރުކާރާ ގުޅުމަށް ޢަދާލަތު ޕާޓީން ނިންމި މި ނިންމުމާ ގުޅިގެން ޕާޓީގެ އެތެރޭގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުންތައް އުފެދިފައެވެ.

ޝައިޚް ލަތީފްގެ އިތުރުން ޢަދާލަތު ޕާޓީގެ ކުރީގެ އިސް ތަރުޖަމާނު އަދި ކުރީގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު އާއި، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ކުރީ ސަރުކާރުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.

ޢަދާލަތު ޕާޓީގެ ނިންމުމާ ގުޅިގެން، ޢަދާލަތު ޕާޓީ އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅެއް ކަމަށްވާ، އެ ޕާޓީގެ ފުރަތަމަ ރައީސް ޝައިޚް ޙުސައިން ރަޝީދު އަޙްމަދުވެސް ވަނީ ޕާޓީގެ ލީޑަރޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އާންމު މެންބަރުން ޕާޓީން ވަކިވުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

"ޢަދާލަތު ޕާޓީ އުފެއްދި އެޕާޓީގެ ބާނީގެ ގޮތުންނާއި ޕާޓީގެ ފުރަތަމަ ރައީސްގެ ޙައިސިއްޔަތުން އަޅުގަނޑު ޢަދާލަތުގެ މިހާރުގެ ވެރިން ކުށްވެރި ކުރަމެވެ. އަޅުގަނޑު އޭޕީގެ މެންބަރުންގެ އަރިހުން އެދެނީ މިބޭފުޅުން އެކިޔާ ދީނާއި ޤައުމު ދެކެ ލޯބިވާ ކަމުގައި ވަނީނަމަ އެނިކަމެތި ކަމާއި ޚިޔާނާތުގައި ބައިވެރިވެ ވަޑައި ނުގެން އަވަހަށް ޕާޓީ ދޫކޮށްލެއްވުމެވެ. ނޫންނަމަ ޤައުމަށް ލިބޭ ދެރެއެއްގައި ތިބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ." ޝައިޚް ޙުސައިން ރަޝީދު ވިދާޅުވެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ޢާންމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ގޮތުން، ޢަދާލަތު ޕާޓީގައި މިހާރު ތިބީ 5،608 މެންބަރުންނެވެ. ސަރުކާރު ކޯލިޝަނާ ގުޅުމަށް އެ ޕާޓީން ނިންމި ނިންމުމާއެކު، ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި އާންމު މެންބަރުންގެ މެދުގައި ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް