ދިވެހި ރައްޔިތުންނަކީ އަބަދުވެސް ޒަމާނީ ތަރައްޤީ އާއި ކުރިއެރުމަށް މަރުހަބާ ކިޔާ، ޤައުމީ ވިސްނުން އިސްކުރާ ބައެއް ކަމަށާއި، މިއަދުވެސް ރައްޔިތުން ތިބީ އެ ޙަޤީޤަތުގެ މަތީގައި ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ އަބަދުވެސް ޒަމާނީ ތަރައްޤީ އާއި ކުރިއެރުމަށް މަރުހަބާ ކިޔާ، ޤައުމީ ވިސްނުން އިސްކުރާ ބައެއް ކަމަށާއި، މިއަދުވެސް ރައްޔިތުން ތިބީ އެ ޙަޤީޤަތުގެ މަތީގައި ކަމަށެވެ.

ރައީސް މުޢިއްޒު ވަނީ އެކިއެކި ވެރިކަންތަކުގައި ރާއްޖެއަށް ގެންނަން މަސައްކަތްކުރި ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ތަފުސީލި ގޮތެއްގައި ވަނީ އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ކުރީކޮޅު ޤައުމަށް ގެންނަން އުޅުނު މުހިންމު ތަރައްޤީގެ މަޝްރޫޢުތަކާއި އަދި މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އޭރު ކުރިމަތިވި ގޮންޖެހުންތަކަށް އިޝާރަތްކުރެއްވިއެވެ. އެގޮތުން، ދިވެހި ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ދުވަސްވަރާއި އަދި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒަޢާމަތުގައި އެކި ދާއިރާތައް ކުރިއެރުވުމަށް ކުރެއްވި މަސައްކަތްތަކަށް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތް ފެށުނު ދުވަސްވަރުގެ ތާރީޚީ ހާދިސާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ޒަމާނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ފީޒިބިލިޓީ ދެނެގަތުމަށް ބޭރުގެ ތަޖުރިބާކާރުން ހެދި ދިރާސާ ރިޕޯޓުގެ ނިންމުމުގައި އޮތީ، ރަށްތައް ދުރުދުރުގައި އެތުރިފައި އޮތުމާއި ދަތުރުފަތުރުގެ ގޮންޖެހުންތަކުގެ ސަބަބުން ރާއްޖޭގައި ފަތުރުވެރިކަން އުފައްދާ ކުރިއެރުވޭނެ ކަމަކަށް ނުވާ ކަމަށެވެ.

ނަމަވެސް، އެ ދިރާސާއަށް ދިވެހިން ދިން ޢަމަލީ ޖަވާބަކީ ދިވެހި ރައްޔިތުންގެ ތެރެއިން މަދު ބޭފުޅުންތަކެއް އިސްނަންގަވައިގެން، ވަރަށް އާދައިގެ ގޮތަކަށް ފެއްޓެވި ބުރަ މަސައްކަތްތައް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭރުވެސް މަދު ބަޔަކު ހަޖޫޖެހުމާއި ނަފްރަތުގެ ބަސްތައް އުފަންކުރުވި ނަމަވެސް، އާ ވިސްނުންތަކުގެ ނަތީޖާއަކަށްވީ މިއަދު ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ އުސް އެއް ތަނބަށް ވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"މި ހާދިސާތަކަށް ބަލާއިރުވެސް ދިވެހި ރައްޔިތުންކުރެ ގިނަ ބޭފުޅުން އަބަދުވެސް ކުރިއެރުމާ ޒަމާނީ ތަރައްޤީއަށް މަރުހަބާ ވިދާޅުވާކަން އެނގޭ. އިސްކުރައްވަނީ ޤައުމީ ވިސްނުންކަން ސާފުވޭ." ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ދިވެހި ރައްޔިތުން އަބަދުވެސް ބޭނުންވަނީ ހޭލުންތެރި ޤައުމަކާއި މަދަނީ ތަރައްޤީ ލިބިފައިވާ ރާއްޖެއެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ތަރައްޤީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ އިސްލާމް ދީނުގެ މައްޗަށް ބިނާވެފައިވާ މާނަވީ އިންސާނީ ބިނާކުރުމާއި މާއްދީ ޢުމްރާނީ ބިނާކުރުމުގެ މައްޗަށް ކަމަށާއި، ދިވެހި ޤައުމިއްޔަތުގެ ތަރަހައިގެ މަތީގައި ރާއްޖެ އާ ޒަމާނަކަށް ހިނިތުންކުރުމަށް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ތަސައްވުރަކީ އިސްލާމް ދީނުގެ ވަރުގަދަ ބިންގަލުގެ މަތީގައި މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް ހިމާޔަތްކުރެވިފައި އޮތުމާއި ފަރުދީ އަދި ޤައުމީ ފާގަތިކަން ކަށަވަރުވެ، މޫސުމީ އަދި ދުނިޔަވީ އެކި އަސަރުތަކުގެ ކުރިމަތީގައި ވިދުންތެރި، ޝާމިލް އަދި އީޖާދީ އިޤްތިޞާދެއް ޤާއިމްކުރުމުގެ އިތުރުން ވަށާޖެހޭ ގޮތުން ދުޅަހެޔޮ، ތަޢުލީމީ އަދި ހުނަރުވެރި ރައްޔިތެއް ދިރިއުޅޭ، އިތުބާރު ލިބިގެންވާ ތަހުޒީބު މުޖުތަމަޢަކަށް ރާއްޖެ ހެދުމެވެ.

ޖަލްސާ ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ޝުޢޫރަކަށް ވާންވީ ތަރައްޤީވެފައިވާ، ޒަމާނީ ކުރިއެރުންތަކުން މުސްތަޤްބަލުގައި ރާއްޖެ މާދަމާ ދުށުމުގެ އުންމީދީ ޝުޢޫރު ކަމަށެވެ. އަދި ޤައުމުގެ އަމާންކަމަށް ހުރަސްއަޅައި، ކުރިއެރުމަށް ލޮޅުން އަރުވަން މަސައްކަތްކުރާ ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވުމަށް އެދި ދުޢާ ދެންނެވުމަށާއި، ޖުމްހޫރީ ދުވަހުގެ ޝިޢާރަކަށް "ދިވެހިންގެ ރާއްޖެ ތަހުޒީބު މުޖުތަމަޢު" ހެދުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް