ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގެ އިސް ޙަރަކާތްތެރިންގެ ގޮތުގައި ފާހަގަކޮށްލެވޭ 3 މީހަކު ޖުމްހޫރީ ޕާޓީއާ ގުޅިއްޖެއެވެ.

އެމީހުންނަކީ އެމްޑީއޭގެ ފޯކަލް ޕޮއިންޓުންގެ ގޮތުގައި އައްޑޫން ކަނޑައަޅާފައިވާ ތިން މީހުންނެވެ. މިތިން މީހުން ޖޭޕީއަށް ސޮއި ކުރީ ޖުމްހޫރީ ޕަޓީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރ ޤާސިމް އިބްރާހިމްގެ ޙާޒިރުގައެވެ. ޖޭޕީއަށް ސޮއިކުރުމަށްފަހު އެމީހުންގެ ޖޭޕީގެ މެމްބަރޝިޕް ފޯމާ ޙަވާލުވެވަޑައިގަތީވެސް ޤާސިމެވެ.

އަލަށް ޖޭޕީއަށް ސޮއިކުރި ތިން މީހުންނަކީ އެމް.ޑީ.އޭ އައްޑޫ ފޭދޫ ފޯކަލް ޕޮއިންޓް ގެ ގޮތުގަައި މަސައްކަތްކުރަމުންއައި ފޭދޫ މޫސާ ވަޖުދީއާއި ހިތަދޫ މުޙައްމަދު އަސްލަމާއި އެރަށު ޢަބްދުލް ޣަފޫރެވެ.



މި ތިން މީހުންނަށް މަރުޙަބާ ވިދާޅުވެ ޤާސިމް ވަނީ އަންނަ ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީއަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރުމަށް އެމީހުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އެމީހުން ޖުމްހޫރީ ޕާޓީއާ ގުޅުމަކީ ވަރަށް އުފާކުރައްވާ ކަމެއްކަމަށާ، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާކަމަށް ޤާސިމް ވިދާޅުވިއެވެ.

ފަހަކަށް އައިސް ގިނަ ޢަދަދެއްގެ ބަޔަކު އަންނަނީ ޖުމްހޫރީ ޕާޓީއާ ގުޅެމުންނެވެ. ޚާއްސަކޮށް ވެރިކަންކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ވަރަށް ގިނަބަޔަކު ވަނީ މިފަހަރު ޤާސިމަށް ތާޢީދުކުރައްވާކަން ހާމަކޮށްފައެވެ. އޭގެތެރެއިން ބައެއް މީހުން އެމީހުން ކުރިން ތިބި ޕާޓީތަކުން ވަކިވެ ޖޭޕީއާ ގުޅިފައިވާއިރު، އެޕާޓީތަކުގައި ތިބެގެންވެސް ޤާސިމަށް ތާޢީދުކުރާނެކަން ބައެއްމީހުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން